ރާއްޖޭގެ ހުރިހާ ސިޓީއެއްގައި ސިންތެޓިކް ދުވާ ޓްރެކް އެޅުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވައިފިއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުވަދޫ މީޑިއާ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ހުރިހާ ސިޓީތަކެއްގައި ވެސް މިފަދަ ޓްރެކްތައް އެޅުމަށް ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ މި މަސައްކަތް ފަށާނެ ސީދާ ތާރީޚެއް މިވަގުތު ދަންނަވަން ދަތިވި ނަމަވެސް، މިއަހަރުގެ ތެރޭގައި ހުރިހާ ސިޓީއެއްގައި އެ މަޝްރޫއުތައް ކުރިއަށްދާނެ ކަމަށެވެ. “އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި މި މަސައްކަތް ފަށަން ނިންމާފައި އޮތްކަމެއް އެއީ،” ރައީސް ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން ސިންތެޓިކް ޓްރެކް އެޅުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ ހިތަދޫ، ފުވައްމުލަކު ސިޓީ އަދި ތިނަދޫ ސިޓީގައެވެ. މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) އެއްގެ ދަށުންނެވެ.
ސަރުކާރުން ގަބޫލުކުރާ ގޮތުގައި މި ޓްރެކްތައް ނިމުމުން، އެތުލެޓިކްސްގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ. މާލޭގެ މާފަންނު ސްޓޭޑިއަމްގައި މިހާރު އޮތް ސިންތެޓިކް ޓްރެކަކީ ވެސް އިންޑިއާގެ އެހީގައި ގާއިމުކޮށްފައިވާ ތަނެކެވެ.

