ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީއަށް އެއްވެސް ލުޔެއް ދިނުމަށް ސަރުކާރުން މިވަގުތު ނިންމާފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ދުންފަތާ ދުރު މުޖުތަމައެއް ބިނާކުރުން ކަމަށާއި، ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން އެކުލަވާލާފައިވާ ވަށައިޖެހޭ ސިއްހީ ނިޒާމާ ފުށޫއަރާ އެއްވެސް ބަދަލެއް ސަރުކާރުން ނުގެންނާނެ ކަމަށެވެ. އަދި ދުންފަތުން ރައްޔިތުން ރައްކާތެރިކުރުމަކީ ސަރުކާރުގެ ސިއްހީ ސިޔާސަތުގެ މުހިންމު ބައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި މިހާރު ތަންފީޒުކުރަމުންދާ ހަރުކަށި ފިޔަވަޅުތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، “ވޭޕް މަނާކުރީވެސް އެކަމުގެ ސަބަބުން ޑްރަގްގެ އެކި ކަންކަމަށް މަގުފަހިވާތީ. ޖެނެރޭޝަނަލް ބޭން ގެނައީ އަލަށް ދުންފަތުގެ އިސްތިއުމާލުކުރާ ކުދިން އެކަމުން ދުރުކުރަން. އެކަމަކަށް ނުދަނީ އެކަމަކުން ރައްކާތެރިކުރަން ފަސޭހަވާނެ. ރާއްޖޭގައި ޖެނެރޭޝަނަލް ބޭން އެއް މި އޮތީ ގާއިމުކޮށްފައި. އެކަމަކަށް ބަދަލެއް ނުގެންނާނެ،” ކަމަށެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ސަރުކާރުން ގާތުން މޮނިޓާ ކުރަމުންދާ ކަމަށާއި، މިކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއެކު މަޝްވަރާތައް ކުރިއަށްދާކަމަށްވެސް ރައީސް ވިދާޅުވިއެވެ. މި މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ސިޔާސަތުތައް ވަރުގަދަ ކުރުމެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކުގެ ދަށުން، 2007 ވަނަ އަހަރަށް ފަހު އުފަންވި މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުމާއި ބޭނުންކުރުން ވަނީ މުޅި އުމުރަށް މަނާކޮށްފައެވެ. މީގެ އިތުރުން ދުންފަތުގެ ބާވަތްތައް ގަނެވޭނެ އެންމެ ދަށް އުމުރަކީ 21 އަހަރު ކަމަށް މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ވަނީ ކަނޑައަޅާފައެވެ.

