މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުން ވަކިކުރި މުހައްމަދު އާސިފް ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އޭނާއަށް އަލުން އެ މަގާމު ދިނުމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ. މި ހުކުމާއެކު އޭނާ ވަޒީފާއިން ވަކިކޮށްފައި ހުރި މުއްދަތުގެ މުސާރައާއި އިނާޔަތްތައް ދިނުމަށްވެސް ދައުލަތުގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.
އާސިފް މަގާމުން ވަކިކޮށްފައިވަނީ ކަރެކްޝަންސްގެ ޕްރިޒަންސް ކްލަބުގެ އެކައުންޓުން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ އެކި އެކައުންޓުތަކަށް ޖަމާކުރި ކަމަށް ބުނާ ހިޔާނާތުގެ ތުހުމަތުތަކަކާ ގުޅިގެންނެވެ. މި މައްސަލާގައި ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޝަނުގައި ބެހެއްޓުމަށްފަހު، އޭނާ ވަޒީފާއިން ވަކިކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
ޕްރިޒަންސް ކްލަބުގެ ރައީސްކަންވެސް ކުރެއްވި އާސިފާ ދެކޮޅަށް ހިޔާނާތުގެ ތުހުމަތުތައް ފެންމަތިކޮށް، ކަރެކްޝަންސްގެ މުވައްޒަފުން ވަނީ ކޮމިޝަނަރު އޮފް ޕްރިޒަންސް ހަސަން ޒަރީރަށް ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ. މި ތުހުމަތުތަކާ ގުޅިގެން ވަޒީފާއިން ވަކިކުރުމުގެ ކުރިން، މުސާރަ ލިބޭ ގޮތަށް އަށް މަސް ދުވަހުގެ މުއްދަތަކަށް އޭނާ ސަސްޕެންޑްކޮށްފައި ބެހެއްޓިއެވެ.
ވަޒީފާއިން ވަކިކުރި މައްސަލަ އާސިފްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ކުރިން ވަނީ މައްސަލަ ނިމެންދެން އެ މަގާމަށް އެހެން މީހަކު އައްޔަން ނުކުރުމަށް ވަގުތީ އަމުރެއްވެސް ނެރެފައެވެ. އިއްޔެ ކުރި ހުކުމުގައި ވަނީ އޭނާ ވަކިކުރީ އިޖުރާއަތްތަކާ ހިލާފަށް ކަމަށްވާތީ، އޭނާ ކުރިން ހުރި މަގާމަށް ރުޖޫއަކޮށްދޭން ޖެހޭނެ ކަމަށެވެ.
މި ހުކުމާ ގުޅިގެން ދައުލަތުން މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ކޯޓުގެ އަމުރާއެކު އާސިފަށް އަލުން ވަޒީފާގެ ފުރުސަތު ލިބި، ގެއްލުނު މުސާރަ އާއި އިނާޔަތްތައް ހޯދުމުގެ މަގު މިވަނީ ތަނަވަސްވެފައެވެ.

