ގދ. ފަރެސްމާތޮޑާގައި ވައިރަލް ހުން ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވެ، އެ ރަށުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ބަލިވެފައިވާ ކަމަށް ބުނެ "ސަން އޮންލައިން" އިން ފަތުރާފައިވަނީ ހަގީގަތާ ހިލާފު ދޮގު މައުލޫމާތެއް ކަމަށް އެ ރަށު ކައުންސިލްގެ ރައީސް އަހްމަދު އިމްތިޔާޒު ވިދާޅުވެއްޖެއެވެ.
ކައުންސިލް ރައީސް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަން އޮންލައިންގައި އެ ރަށުގެ 1100 މީހުންގެ އާބާދީގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ބަލިޖެހިފައިވާ ކަމަށް ލިޔެފައިވީ ނަމަވެސް، އެއީ ސައްހަ މައުލޫމާތެއް ނޫން ކަމަށެވެ. އިމްތިޔާޒު ވިދާޅުވީ ފަރެސްމާތޮޑާގެ ހަގީގީ އާބާދީއަކީ 1870 ކަމަށާއި، ބަލިމަޑުކަމުގައި އެންމެ ބާރުބޮޑުވި ތިން ދުވަހުވެސް ފަރުވާ ހޯދާފައިވަނީ އާބާދީގެ ކުޑަ އިންސައްތައެއް ކަމަށެވެ.
ސިއްހީ މަރުކަޒުގެ ތަފާސްހިސާބުތަކާ ހަވާލާދީ ކައުންސިލް ރައީސް ވިދާޅުވީ، ބަލި އެންމެ ބޮޑަށް ފެތުރުނު މި މަހުގެ 8، 9 އަދި 10 ވަނަ ދުވަހު ޑޮކްޓަރަށް ދެއްކީ ޖުމްލަ 147 މީހުން ކަމަށެވެ. މީގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާ ދީފައިވަނީ 27 މީހުންނަށެވެ. މިއަދުގެ ހާލަތަށް ބަލާއިރު އެޑްމިޓްކޮށްފައި ތިބީ އެންމެ 3 މީހުން ކަމަށާއި، ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު މިހާރު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އާންމުކޮށް ބަލިވެގެން ޑޮކްޓަރަށް ދައްކާ ރޭޓަށް ވުރެ މި ބަލިގަނޑުގައި ބަލިވި މީހުންގެ އަދަދު ގިނަ. ނަމަވެސް މިއަދު ހާލަތު ވަރަށް ރަނގަޅު،" އިމްތިޔާޒު ވިދާޅުވިއެވެ.
ރަށުގައި އިންފުލުއެންޒާ ފެތުރެމުންދާތީ، ސިއްހީ މަރުކަޒަށް ބާރުބޮޑުވެ އިތުރު އެހީތެރިކަމަށް އެދުމުން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ވަރަށް އަވަހަށް އިޖާބަދީފައެވެ. ކައުންސިލާއި، ސިއްހީ މަރުކަޒު އަދި ހޮސްޕިޓަލް ގުޅިގެން ކުރި މަސައްކަތުން ބަލި ކޮންޓްރޯލް ކުރުމުގައި އަވަސް ނަތީޖާއެއް ފެނިފައިވާ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ. ރަށުގައި ބަލި ފެތުރެން ފެށުމުން، ސިއްހީމަރުކަޒުގެ ޖާގައިގެ ދަތިކަމަށް ވިސްނައި، ދުރާލާ ވަނީ ތައްޔާރީތަކެއްވެސް ވެފައެވެ. ހަމައެހެންމެ މި 3 އިދާރާއިން ވަނީ ބަލި ކޮންޓްރޯލި ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއްކޮށް ރަށުގައި ހޭލުންތެރިކަން އިތުރުކުރުމަށް މައުލޫމާތު ފޯރުކޮށް، ރައްޔިތުން ހުރިހާ ގޮތަކުންވެސް ތައްޔާރުކޮށްފައެވެ.
މިދިޔަ ތިން ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މެއި 8 ވަނަ ދުވަހު 47 މީހުން ޑޮކްޓަރަށް ދެއްކިއިރު، 9 ވަނަ ދުވަހު 52 މީހުން އަދި 10 ވަނަ ދުވަހު 48 މީހުން ވަނީ ފަރުވާ ހޯދާފައެވެ. މީގެ ތެރެއިން ގިނައީ ފްލޫގެ އަލާމާތްތައް ހުރެގެން ދެއްކި މީހުންނެވެ.

