“އަދަދު” ނޫހުގެ ނޫސްވެރިޔާ އަދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ނައިބު ރައީސް މުހައްމަދު ޝަހްޒާން، ކްރިމިނަލް ކޯޓުގެ އަމުރަކާ ހިލާފުވި ކަމަށް ބެލެވޭތީ ޖަވާބުދާރީވުމަށް މާދަމާ ކޯޓަށް ހާޒިރުވާން އަންގައިފިއެވެ. މި މައްސަލަ ފެންމަތިވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކޯޓުން މަނާކޮށްފައިވާ ޑޮކިއުމެންޓްރީއަކާ ގުޅޭގޮތުން އޭނާ ސުވާލުކުރުމާ ގުޅިގެންނެވެ.
ކްރިމިނަލް ކޯޓުން މީގެކުރިން ނެރުނު އަމުރެއްގައި ވަނީ “އަދަދު” ނޫހުން ތައްޔާރުކުރި ޑޮކިއުމެންޓްރީއެއްގައި ހިމެނޭ ވާހަކަތައް އާންމުނުކުރުމަށާއި، އެ ވީޑިއޯ ދައުރުނުކުރުމަށް އަންގާފައެވެ. މި އަމުރަކީ މުޖުތަމައުގެ އަހްލާގީ މިންގަނޑުތައް ހިފެހެއްޓުމަށާއި، އަބުރު ރައްކާތެރިކުރުމުގެ ގޮތުން ސިއްރުކޮށްގެން ކުރިއަށްގެންދާ ޝަރީއަތަކާ ގުޅިގެން ނެރެފައިވާ އަމުރެކެވެ.
ކޯޓުން ޝަހްޒާނަށް ފޮނުވި ޗިޓުގައި ބުނެފައިވަނީ، ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލުކުރުމަށް އަމުރުކޮށްފައި ވަނިކޮށް، އޭނާ ދެއްކި ވާހަކަތަކަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން މިކަމާ ގުޅޭގޮތުން ޝަރީއަތުގެ މަޖިލީހެއް މާދަމާ މެންދުރު 13:00 އަށް ވަނީ ތާވަލުކޮށްފައެވެ.
މި މައްސަލައަކީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތުހުމަތުކޮށް ނެރުނު ޑޮކިއުމެންޓްރީއަކާ ގުޅިގެން، “އަދަދު” ނޫހުގެ ސީއީއޯ އާއި އެޑިޓަރުގެ މައްޗަށް ކުރާ ގަޒުފްކުރުމުގެ ދައުވާއާ ގުޅުންހުރި މައްސަލައެކެވެ. ކޯޓުން ބުނެފައިވަނީ މައްސަލައިގެ ހަސްމުންނާއި ލިޔެކިޔުންތަކާ ގުޅޭ މައުލޫމާތު ފެތުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށެވެ.

