ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގައި ނަރުސްކަމުގެ ދާއިރާގެ ކުރިމަގާމެދު މަޝްވަރާކުރުމަށް ބޭއްވި ޚާއްޞަ ބަހުސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައެންސަސްގައި ބޭއްވި މި ޙަރަކާތަކީ ނަރުހުންގެ ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މުހިއްމު ޙަރަކާތެކެވެ.
މޯލްޑިވްސް އޮންކޮލޮޖީ ނާސް އެސޯސިއޭޝަނާއި ކޮމިއުނިޓީ ނަރސް ވޮލަންޓިއަރޒް ގުޅިގެން ކުރިއަށްގެންދިޔަ މި ޙަރަކާތަށް ފަސްޓްލޭޑީ ވަޑައިގަތުމުން އެކަމަނާއަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެކަމަނާއަށް އިސްވެ މަރުޙަބާ ދެންނެވީ އޮންކޮލޮޖީ ނާސް އެސޯސިއޭޝަންގެ ރައީސާ އާމިނަތު ޒީނިޔާގެ އިތުރުން ކޮމިއުނިޓީ ނަރސް ވޮލަންޓިއަރޒްގެ ރައީސާ މަރިޔަމް ނިޔާނެވެ.
ދެ ޓީމެއްގެ މެދުގައި ކުރިއަށްދިޔަ މި ފޯރިގަދަ ބަހުސް ބިނާކޮށްފައިވަނީ “ދިވެހިރާއްޖޭގައި ނަރުސްކަމުގެ ދާއިރާއިން އެކަށީގެންވާ ގޮތެއްގައި ކުރިއަށް ދިއުމަށް ފުރުސަތު އެބައޮތެވެ” މި މައުޟޫޢުގެ މައްޗަށެވެ. މި ބަހުސްގައި އެއް ޓީމުން މި ޚިޔާލަށް ތާޢީދުކޮށް ވާހަކަދެއްކިއިރު، އަނެއް ޓީމުން ވަނީ މައުޟޫޢާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި ޚިޔާލުފާޅުކޮށްފައެވެ.
ޞިއްޙީ ދާއިރާގެ ގިނަ ޢަދަދެއްގެ ފަންނީ ބޭފުޅުންނާއި ޢިލްމީ ތަޖުރިބާކާރުން ބައިވެރިވި މި ސެޝަނުގައި، ރާއްޖޭގައި ނަރުހުންނަށް ހުރި އައު ފުރުޞަތުތަކާއި ދާއިރާ އިތުރަށް ތަރައްޤީކުރެވިދާނެ ގޮތްތަކާމެދު ވަނީ މުހިއްމު ނުކުތާތަކެއް ފާހަގަކޮށްފައެވެ. މިފަދަ ބަހުސްތަކުގެ ސަބަބުން ދާއިރާގެ ކުރިއެރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެވި، ހައްލުތައް ހޯދުމަށް މަގުފަހިވެގެންދާނެއެވެ.
ދުނިޔޭގެ ފެންވަރުގައި ނަރުހުންގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ވެސް މޭ މަހުގެ 12ވަނަ ދުވަހު އަންނަނީ ބައިނަލްއަޤުވާމީ ނަރުހުންގެ ދުވަސް ފާހަގަކުރަމުންނެވެ. ރާއްޖޭގައި ވެސް މި ދުވަސް ކުލަގަދަކޮށް ފާހަގަކުރަމުންދާއިރު، ނަރުހުންނަކީ ޞިއްޙީ ނިޒާމުގެ އެންމެ މުހިއްމު އެއް ތަނބުކަން ފާހަގަކުރެވެއެވެ.

