އައްޑޫ ސިޓީގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ “އައްޑޫ ބިޒްނަސް ޑައިލޮގް” އަކީ ޕައިލެޓް ޕްރޮޖެކްޓެއް ކަމަށާއި، މި މަޝްރޫޢުގެ ތަޖުރިބާއަށް ފަހު ރާއްޖޭގެ އެހެން ސަރަޙައްދުތަކަށް މިކަން ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އިގުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ކުދި ވިޔަފާރިތަކަށް ލުއިތައް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިގުތިޞާދީ ނަތީޖާ ނެރުއްވުމަށްޓަކައި އެންމެ އިސްކަމެއް ދެއްވާ އެއް ދާއިރާ ކަމަށެވެ. މިގޮތުން އައްޑޫގައި ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް 2027 ވަނަ އަހަރުގެ ޖަނަވަރީ އެކަކުން ފެށިގެން ތިން އަހަރުގެ މުއްދަތަށް ކުއްޔާއި ޓެކްސް ދައްކަން ނުޖެހޭ ގޮތަށް ލުއިތަކެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި އައްޑޫގައި ބާއްވާ މި ބިޒްނަސް ޑައިލޮގްގައި އައްޑޫގެ ވިޔަފާރިވެރިންނާއި، މާލޭގައި ދިރިއުޅޭ އައްޑޫގެ ވިޔަފާރިވެރިންގެ އިތުރުން ކަމާބެހޭ އިދާރާތަކާއި ފަންނީ ބޭފުޅުން ބައިވެރިވާނެއެވެ. މި މަހާސިންތާގެ މައިގަނޑު ބޭނުމަކީ ސީދާ ވިޔަފާރިވެރިންގެ ފަރާތުން މަޢުލޫމާތު ހޯދައިގެން އިގުތިޞާދީ ކޮންސެޕްޓެއް އެކުލަވާލުމެވެ.
“އުފެދޭ އެކިއެކި ވާހަކަފުޅުތައް އަޅުގަނޑުމެން ކަރުދާހަށް ތިރިކޮށް އަޅުގަނޑުމެން ކޮންސެޕްޓެއް މި ޑިވެލޮޕްކުރަނީ އައްޑޫއިން ސީދާ އަޅުގަނޑުމެންނަށް ލިބޭ މަޢުލޫމާތުތައް. އެ މަޢުލޫމާތުތައް މި އަންނަނީ ކެބިނެޓަށް. ކެބިނެޓުން ރައީސުލްޖުމްހޫރިއްޔާ ވަރަށް ފުޅާ ދާއިރާއެއްގައި މިކަހަލަ ކޮންމެ މައުޟޫއެއް ނިންމަވާ ގޮތަށް މަޝްވަރާކުރައްވައިގެން ނިންމަވާނީ އައްޑޫ އަށް 2027، 2028، 2029 ގައި ދެއްވާނީ ކޮން ލުއިތަކެއްތޯ،” ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން މިހާރުވެސް ކުދި ވިޔަފާރިތަކަށް ގިނަ ލުއިތަކެއް ދެމުންދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، 20 ކޯޓާ ހިލޭކޮށްދިނުމާއި ބަނދަރުތަކުގައި މަސައްކަތްކުރާ ވަގުތުތަކަށް ގެނެވުނު ބަދަލުތަކަކީ އޭގެ ހެއްކެއް ކަމަށެވެ. މީގެއިތުރުން އައްޑޫ އަކީ އައިޓީ ހަބެއްގެ ގޮތުގައި ތަރައްޤީކުރުމަށްވެސް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
މި ބިޒްނަސް ޑައިލޮގްގެ ސަބަބުން ވިޔަފާރިވެރިންނާއި ފަންނީ ބޭފުޅުންގެ ނަޒަރުގައި އިޤްތިޞާދީ ކުރިއެރުމަށް ކުރެވިދާނެ މުހިންމު ކަންތައްތަކެއް ދެނެގަނެވި، އޭގެ އަލީގައި މުޅި ރާއްޖެއަށް ފެތުރޭނެ ފަދަ އިގުތިޞާދީ މޮޑެލްއެއް ބިނާކުރެވޭނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

