ރާއްޖޭގެ އެކި ސަރަހައްދުތަކުން މާލެއަށް ހިޖުރަކުރާ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ހަމައެކަނި ބޯހިޔާވެހިކަން ފޯރުކޮށްދީގެން ނޫން ކަމަށާއި، އެ ސަރަހައްދުތަކުގައި ވަޒީފާގެ ފުރުޞަތުތަކާއި އިޤްތިޞާދީ ހަރަކާތްތައް އިތުރުކޮށްގެން ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަލީ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހުވަދޫ މީޑިއާއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ގިނަ ރަށްރަށުން މީހުން މާލެއަށް ހިޖުރަކުރާ އެންމެ ބޮޑު ސަބަބަކީ މަތީ ތައުލީމާއި ވަޒީފާގެ ފުރުޞަތުތައް އެ ރަށްރަށުގައި ނެތުން ކަމަށެވެ. އެގޮތުން އޭލެވެލްއާ ހަމައަށް ރަށްރަށުގައި ކިޔެވޭނެ އިންތިޒާމު ހުރި ނަމަވެސް، އޭގެ ފަހުން ވަޒީފާއެއް ހޯދުމަށް ނުވަތަ މަތީ ތައުލީމު ހާސިލުކުރުމަށް މާލެއަށް އަންނަން މަޖުބޫރުވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު މުއްތަލިބް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ އާބަން ސެންޓަރުތައް ތަރައްޤީކޮށް، އެ ތަންތަނުގައި ބޯހިޔާވެހިކަމުގެ އިތުރުން ވަށާޖެހޭ އިޤްތިޞާދެއް ބިނާކުރުން ކަމަށެވެ. “ޙަޤީޤަތުގައި ވަށާޖެހޭ ގޮތަކަށް މަސައްކަތްކުރަންޖެހޭ ކަމެއް، އެއް ކަމާއި އަނެއް ކަމާ ގުޅިފައި މި އޮތީ. ވަޒީފާގެ ފުރުޞަތާއި އިކޮނޮމިކް އަދި ހަމައެކަނި ބޯހިޔާވެހިކަން ފޯރުކޮށްދީގެނެއް ޢާއިލާތަކެއް ސަސްޓެއިނެއް ނުކުރެވޭނޭ ރަށްރަށުގައި،” މިނިސްޓަރު ވިދާޅުވިއެވެ.
މީގެ މިސާލެއްގެ ގޮތުން މިނިސްޓަރު ފާހަގަކުރެއްވީ ބ. އޭދަފުއްޓެވެ. އެ ރަށަކީ ތައުލީމާއި ސިއްހީ ހިދުމަތް ރަނގަޅު ރަށަކަށް ވެފައި، ކައިރީގައި ގިނަ ރިސޯޓުތަކެއް ހުރުމުން، އެ ސަރަހައްދުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް އޭދަފުށީގައި އާއިލާއާއެކު ދިރިއުޅުމުގެ ފުރުޞަތު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.
މާލެއަށް ހިޖުރަކުރާ މީހުންގެ އަދަދު މަދުނުވާތީ، މި ސަރަހައްދުގެ ބޯހިޔާވެހިކަމުގެ މައްސަލަ ހައްލުކުރުމަށް ރަސްމާލެ ފަދަ ބޮޑެތި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަކީ ދައުލަތުން ކުރަންޖެހޭ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ގިނަ ދުވަސްތަކެއް ވަންދެން މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކުން އަނބުރާ ރަށަށް ދާން ބޭނުން ނުވާނަމަ، އެ ފަރާތްތަކަށް ބޯހިޔާވެހިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ، އާބާދީއާއި ތަރައްޤީ އެއްފަސްކުރުމަކީ ރާއްޖެއަށް ދިމާވެފައިވާ އިޖުތިމާއީ އަދި އިޤްތިޞާދީ ގިނަ ގޮންޖެހުންތަކަށް އޮތް ދާއިމީ ހައްލު ކަމަށެވެ.

