ފާއިތުވި އަހަރުގެ ނޮވެންބަރު މަހުން ފެށިގެން ސަރުކާރުން ކުރިއަށްގެންދާ ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ދެނެގަނެ ބަންދުކުރުމުގެ އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 242 ތަނެއް ބަލައިފާސްކޮށް، 102 ތަނެއް ބަންދުކޮށްފައިވާ ކަމަށް އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ އެ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ބިދޭސީން ނުގަވާއިދުން ހިންގާ ވިޔަފާރިތަކާ ގުޅިގެން މިހާތަނަށް 409 ޝަކުވާއެއް މިނިސްޓްރީއަށް ލިބިފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ބަންދުކުރެވުނު ތަންތަނުގެ ތެރޭގައި ކަނޑައެޅިގެން ގާނޫނާ ހިލާފަށް ހިންގަމުންދިޔަ 57 ވިޔަފާރިއަކާއި، ސެލޫން އަދި ސްޕާގެ ގޮތުގައި ހިންގަމުންދިޔަ 45 ތަނެއް ހިމެނޭ ކަމަށެވެ. މީގެ އިތުރުން، ނުގަވާއިދުން ހިންގާ ވިޔަފާރިއަކަށް ނުވި ނަމަވެސް، އިސްލާހުކުރަންޖެހޭ ކަންކަން ހުރުމުން ބަންދުކުރި 61 ތަނަކަށް، އެކަންކަން އިސްލާހުކުރުމުން އަލުން ހުޅުވުމުގެ ހުއްދަ ދީފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ސައީދު ފާހަގަކުރެއްވި ގޮތުގައި، ބިދޭސީން ވިޔަފާރިކުރާ ކަމުގެ ޝަކުވާ ލިބިގެން ބަލާއިރު، ގިނަ ފަހަރަށް ވިޔަފާރީގެ މިލްކުވެރިޔަކަށް ހުންނަނީ ދިވެއްސެކެވެ. ނަމަވެސް އަމަލީގޮތުން ވިޔަފާރި ހިންގުމުގައި ބިދޭސީން ތިބޭތީ، އެފަދަ ހާލަތްތަކުގައި އެ ބިދޭސީންނަކީ ގަވާއިދާ އެއްގޮތަށް އުޅޭ ބައެއްތޯވެސް ކަމާބެހޭ އިދާރާތަކުން ދަނީ ބަލަމުންނެވެ.
“ބަންދުކުރެވުނު ކޮންމެ ތަނެއް ބަންދުކޮށްފައި ބަހައްޓަނީއެއް ނޫން. ބަންދުކޮށްފައި މިބަލަނީ އޭގައި އިލީގަލް ޕްރެކްޓިސަސް ހުރިތޯ،” ވަޒީރު ވިދާޅުވިއެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، މީރާއާއި ބޭންކު އެކައުންޓުތަކުގައި ފައިސާ ދައުރުވާ ގޮތަށް ބަލައިގެން، ދިވެހިންގެ ފަހަތުގައި ތިބެގެން ބިދޭސީން ކުރާ ވިޔަފާރިތައް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި އޮޕަރޭޝަނަކީ އިގުތިސާދީ ވުޒާރާއާއި، ފުލުހުންގެ ހިދުމަތް އަދި ކަމާބެހޭ އެހެނިހެން މުއައްސަސާތައް ގުޅިގެން ނޮވެންބަރު 29، 2023 ގައި ފެށި މަސައްކަތެކެވެ.

