އައްޑޫ ސިޓީއަކީ ވިޔަފާރިވެރިންގެ ހަބެއްގެ ގޮތުގައި ތަރައްޤީކޮށް، އެ ސިޓީގެ އިޤްތިޞާދަށް ހަލުވި ބަދަލުތަކެއް ގެނައުމަށްޓަކައި ސަރުކާރުން ބާއްވާ “އައްޑޫ ބިޒްނަސް ޑައިލޮގް”ގައި ބައިވެރިވުމަށް 500 އަށްވުރެ ގިނަ ފަރާތުން ރަޖިސްޓްރީކޮށްފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ހާމަކުރައްވައިފިއެވެ. މި މަހާސިންތާއަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ދެއްވާފައިވާ އިސްކަމުގެ ދަށުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.
މި މަހުގެ 13 އަދި 14 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މަހާސިންތާގެ މައިގަނޑު މަޤްސަދަކީ އައްޑޫ ސިޓީގެ ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކާއި ބޭނުންތައް ދެނެގަތުމެވެ. ވަޒީރު ވިދާޅުވި ގޮތުގައި، 2027 އިން 2029 އަށް އައްޑޫއަށް ހަލުވި ތަރައްޤީއެއް ގެނައުމަށްޓަކައި ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، މަސްވެރިކަން ފަދަ ދާއިރާތަކުން ދެވިދާނެ ޚާއްސަ އިނާޔަތްތަކަކީ ކޮބައިތޯ ބަލައި، އެކަންކަން ވަޒީރުންގެ މަޖިލީހުގައި ދިރާސާކުރެވޭނެއެވެ.
މި މަހާސިންތާގައި އައްޑޫއާއި މާލޭގައި ތިބި އައްޑޫގެ ވިޔަފާރިވެރިންގެ އިތުރުން، އެކި ދާއިރާތަކުގެ ފަންނީ ބޭފުޅުންނާއި، ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުގެ އިސް ބޭފުޅުން ބައިވެރިވާނެއެވެ. މިއީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ސަރުކާރުން މަޢުލޫމާތުދެއެވެ.
އިޤްތިޞާދީ ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އައްޑޫގައި މި މޮޑެލް ކާމިޔާބުވެއްޖެނަމަ ރާއްޖޭގެ އެހެން ސަރަހައްދުތަކަށްވެސް މިފަދަ އިޤްތިޞާދީ މޮޑެލްތައް ތަޢާރަފްކުރުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ. މިއީ މުޅި ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.

