ދުނިޔޭގެ އެންމެ ވަރުގަދަ އެއް ކްލަބު ކަމަށްވާ ރެއާލް މެޑްރިޑަށް ދާދިފަހުން ގުޅުނު ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ، އެ ކްލަބުން ބޭރުކުރުމަށް ގޮވާލާ ފަށާފައިވާ ޕެޓިޝަނެއްގައި 70 މިލިއަނަށްވުރެ ގިނަ މީހުން ސޮއިކޮށްފިއެވެ.
މި ޕެޓިޝަން ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައިވަނީ، ރެއާލް މެޑްރިޑަށް ބޮޑު އުއްމީދުތަކަކާއެކު އޭނާ ގުޅުނު ނަމަވެސް، ޓީމަށް އެދެވޭ ނަތީޖާއެއް ހޯދައިދެވިފައި ނުވާތީއެވެ. ޚާއްޞަކޮށް މި ސީޒަނުގައި އެއްވެސް ތައްޓެއް ކާމިޔާބު ނުވުމާއި، ޔޫއެފާ ޗެމްޕިއަންސް ލީގުން ކަޓައިގެން ދިއުމާ ގުޅިގެން ސަޕޯޓަރުންގެ ބޮޑު ނުރުހުމެއް އޭނާއަށް ވަނީ އަމާޒުވެފައެވެ.
މީގެ އިތުރުން، އެމްބާޕޭ އަނިޔާގައި ހުރި ކަމަށް ބުނެ ކުޅުމާ ދުރުގައި ހުރި ވަގުތުތަކުގައި ޗުއްޓީ ހޭދަކުރަމުންދާ މައްސަލައާއި، އޭނާ ޓީމާ ގުޅުމަށްފަހު ޑްރެސިން ރޫމްގެ އެއްބައިވަންތަކަން ގެއްލިފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކުގެ ސަބަބުން މަސްރަހު ވަނީ އިތުރަށް ގޯސްވެފައެވެ. ގިނަ ސަޕޯޓަރުން ދެކޭ ގޮތުގައި އެމްބާޕޭގެ ސަބަބުން ޓީމުގެ ކުރީގެ ވަރުގަދަ ރޫހަށް ވަނީ ބުރޫ އަރާފައެވެ.
ނަމަވެސް، މި ފާޑުކިޔުންތަކުގެ ތެރެއިން ރެއާލްގެ ޒުވާން ބްރެޒިލް ކުޅުންތެރިޔާ އެންޑްރިކް ވަނީ އެމްބާޕޭގެ ދިފާއުގައި ވާހަކަދައްކާފައެވެ. އެންޑްރިކް ބުނި ގޮތުގައި އެމްބާޕޭއަކީ ދުނިޔޭގެ ފެންވަރުގެ މޮޅު ކުޅުންތެރިއެއް ކަމަށާއި، ކޮންމެ ކުޅުންތެރިއަކަށްވެސް އުނދަގޫ ދުވަސްވަރަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.
ފްރާންސްގެ މޮނާކޯ އިން ކެރިއަރު ފަށައި، ޕީއެސްޖީގައި ރެކޯޑުތަކެއް މުގުރާލި އެމްބާޕޭއަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފްރާންސަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. ނަމަވެސް ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑުގައި އޭނާގެ ކެރިއަރު މިވަގުތު އޮތީ ނާޒުކު ފައްތަރެއްގައެވެ.

