ކަޒަކިސްތާނުގެ ޝިމްކެންޓުގައި މިހާރު ކުރިއަށްދާ ބިލީ ޖީން ކިންގް ކަޕް ޖޫނިއާސްގެ ފައިނަލް ކޮލިފިކޭޝަންގައި، އޭޝިއާގެ ޓެނިސްގެ ގަދަބާރެއް ކަމަށްވާ އިންޑިއާގެ މައްޗަށް ރާއްޖޭގެ 16 އަހަރުން ދަށުގެ އަންހެން ޓެނިސް ޓީމުން ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ.
މި މުބާރާތުގައި ރާއްޖޭގެ ޓީމުން ވަނީ ވާދަވެރި ކުޅުމަކަށްފަހު ޑަބަލްސް މެޗުން އިންޑިއާގެ ޓީމު ބަލިކޮށްފައެވެ. މި ފޯރިގަދަ މެޗުގެ ސެޓުތައް ރާއްޖޭގެ ޓީމުން ކާމިޔާބުކުރީ 7-6، 3-6 އަދި 11-09 އިންނެވެ. މިއީ ރާއްޖޭގެ ޓެނިސް ތާރީޚުގައި އިންޑިއާ ފަދަ ވަރުގަދަ ގައުމެއްގެ މައްޗަށް ކުރިހޯދި ފުރަތަމަ ފަހަރެވެ.
ނަމަވެސް، ސިންގަލްސް ދެ މެޗުން ރާއްޖޭގެ ކުޅުންތެރިން ބަލިވުމާ ގުޅިގެން، މުޅި ޓައިގެ ނަތީޖާއަށް ބަލާއިރު 2-1 އިން މޮޅުވީ އިންޑިއާއެވެ. އެހެންނަމަވެސް ޑަބަލްސް މެޗުން ހޯދި މި ކާމިޔާބީއަކީ ރާއްޖޭގެ ޒުވާން ކުޅުންތެރިންގެ ފެންވަރު އޭޝިއާގެ ފެންވަރުގައި ސާބިތުކޮށްދިން މުހިންމު ނަތީޖާއެކެވެ.
މިއީ ރާއްޖޭގެ ޖޫނިއާ ޓެނިސް ޓީމަކުން ބިލީ ޖީން ކިންގް ކަޕްގެ ފައިނަލް ކޮލިފިކޭޝަނަށް ދަތުރުކުރި ފުރަތަމަ ފަހަރުވެސް މެއެވެ. ރާއްޖެއަށް މި ތާރީޚީ ފުރުސަތު ލިބުނީ މިދިޔަ މަހު ސްރީލަންކާގައި ބޭއްވުނު ޕްރީ-ކޮލިފިކޭޝަން މުބާރާތުގެ ތިންވަނަ މަގާމު ހާސިލްކުރުމާ ގުޅިގެންނެވެ.
މި މުބާރާތުގައި ރާއްޖެ ހިމެނިފައިވަނީ އޭޝިއާގެ އެންމެ ވަރުގަދަ ގައުމުތައް ކަމަށްވާ އިންޑިއާ، ޗައިނާ އަދި އިންޑޮނޭޝިއާއާއެކު ވަރުގަދަ ގުރޫޕެއްގައެވެ. މި ގްރޫޕްގައި ރާއްޖެއިން ކުޅޭ ދެވަނަ މެޗުގައި މިއަދު ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ.

