އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމެއް ހުސްވެފައިވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި ފުރުޞަތު ހުޅުވާލެއްވީ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރަކު މަޤާމުން އިސްތިއުފާ ހުށަހަޅުއްވާފައިވާތީ، ޤާނޫނުގައިވާ ގޮތުގެ މަތިން އެ މަޤާމަށް އައު މެންބަރަކު އައްޔަންކުރެއްވުމުގެ ބޭނުމުގައެވެ.
މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ 3 ޖޫން 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00 އަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، އަދި ކުށުގެ ރެކޯޑް ފޯމު ދޫކުރުމާއި ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. މިގޮތުން، މިކަމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް ފޯމުތައް ބަލައިގަންނާނެ ކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން، މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފޯމާއި އިޤްރާރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓް (https://presidency.gov.mv) އިން ޑައުންލޯޑް ކުރެއްވޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.

