ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރާނެ ކެންޑިޑޭޓަކު ކޮންގްރެސް ޕާޓީން ކަނޑައެޅިނަމަ އެ ދާއިރާގެ ޕްރައިމަރީއެއް ޕާޓީން ނުބާއްވާނެކަމަށް ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، އެ ދާއިރާގެ ޕްރައިމަރީގައި ވާދަކުރެއްވީ ކުރީގެ މެންބަރު މުޙައްމަދު ސިނާނާއި ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދު ކަމަށެވެ. ނަމަވެސް ޕްރައިމަރީ ކާމިޔާބުކުރެއްވުމަށް ފަހު ސިނާން ވަނީ ސައީދުގެ ފަހަތްޕުޅަށް އަރަން ނިންމަވާފައެވެ.
މި ނިންމެވުމާ ގުޅޭގޮތުން ފަލާހު ވިދާޅުވީ އެއީ އެ ދެބޭފުޅުންގެ އަމިއްލަ ނިންމެވުމެއް ކަމަށެވެ. “ޕާޓީގެ ނިންމުމެއް ނަމަ ޕްރައިމަރީއެއް ނުބާއްވާނެ. ޕާޓީއަށް އިހްތިޔާރު އޮންނާނެ ޕްރައިމަރީ ބޭއްވުމާއި ނުބޭއްވުން. ޕާޓީގެ ލީޑާޝިޕުން އެދުނީ ޕްރައިމަރީ ބާއްވަން،” ފަލާހް ވިދާޅުވިއެވެ.
މި ނިންމުމާ ގުޅިގެން ސިނާނުގެ ސަޕޯޓަރުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާކަމަށް ބުނާ ވާހަކަތައް ފަލާހް ވަނީ ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ ސިނާނާއި އޭނާގެ ސަޕޯޓަރުން މިހާރުވެސް ދޮރުންދޮރަށް ހަރަކާތްތަކުގައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި، ޕާޓީގެ ތެރޭގައި އެއްވެސް ބައިބައިވުމެއް ނެތް ކަމަށެވެ.
ކުރިއަށް އޮތް ބައި-އިލެކްޝަނުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަހްމަދު ސައީދަށް ކެންޑިޑޭޓް ނަންބަރު އެކެއް ލިބިވަޑައިގެންފައިވާއިރު، އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ) އަށް ލިބިވަޑައިގެންފައިވަނީ ކެންޑިޑޭޓް ނަންބަރު ދޭކެވެ.
އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ގޮތުގައި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހުއެވެ.

