“އަދަދު” ނޫހުގެ ނޫސްވެރިޔާ އަދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ނައިބު ރައީސް މުހައްމަދު ޝަހްޒާން އާއި އެ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު ކޯޓު އަމުރާ ހިލާފުވި މައްސަލައިގައި ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމައި ޝަހްޒާން 15 ދުވަހަށް ޖަލަށް ލުމަށް ހުކުމްކުރިއިރު، ލީވާން ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ 10 ދުވަހުގެ މުއްދަތަށެވެ.
ޝަހްޒާން ކޯޓު އަމުރާ ހިލާފުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި “އަދަދު” ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއަކާ ގުޅިގެން ސުވާލުކުރުމުންނެވެ. އަދި ލީވާންގެ މައްޗަށް މި ހުކުމް އައީ އެ ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ގުޅޭގޮތުން އޭނާ ލިޔުނު ހަބަރަކާ ގުޅިގެންނެވެ.
މިދިޔަ އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ އެ ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމުނުކުރުމަށާއި، އެ ވީޑިއޯ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށް އަމުރުކޮށްފައެވެ. އަދި އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށާއި، މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ވެސް އަމުރުގައި ބަޔާންކޮށްފައިވެއެވެ.
ކޯޓުން ވިދާޅުވެފައިވަނީ މި ބާވަތުގެ މައްސަލަތަކަކީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މުޖުތަމައުގެ އަހްލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން ސިއްރުކޮށްގެން ކުރިއަށް ގެންދެވޭނެ ޝަރީއަތްތަކެއް ކަމަށެވެ. އެހެންކަމުން، މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާއި ގުޅުންހުރި މައުލޫމާތުތައް ފެތުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
މި އަމުރު ނެރުނު ސަބަބެއް ކަމަށް ކޯޓުން ފާހަގަކޮށްފައިވަނީ އަބުރު ރައްކާތެރިކުރުމާއި، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުނުވާހާ ހިނދަކު މީހަކީ ކުށްވެރިއެއް ކަމަށް ނުބެލުމުގެ އަސާސެވެ. މީގެ އިތުރުން، ދައުވާ ލިބޭ ފަރާތުގެ ހައްގާއި ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ މަސްލަހަތު ހިމާޔަތްކުރުމަކީ ވެސް މި އަމުރު ނެރުނު މަގްސަދެއް ކަމަށް ކޯޓުން ބުނެފައިވެއެވެ.

