ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބާއްވާ އެ ޕާޓީގެ ބޮޑު ކޮންގްރެސްގެ ކުރިން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޕާޓީގެ ދާއިމީ ޖަގަހަތައް ގާއިމުކޮށް ނިންމާނެ ކަމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.
ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ހުވަދޫ މީޑިއާގެ ނޫސްވެރިޔާ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފަލާހް ވިދާޅުވީ، ޕާޓީގެ ހިންގުމުގެ ނިޒާމު މިހާރު އޮތީ ވަރަށް ބޮޑަށް ފުރިހަމަކުރެވިފައި ކަމަށެވެ. އަދި ބައެއް ރަށްރަށުގައި ދާއިމީ އޮފީހެއް ނުވަތަ ޖަގަހައެއް މިވަގުތު ނެތް ނަމަވެސް، ކުރިއަށް އޮތް އޮކްޓޫބަރު މަހު ބާއްވާ ކޮންގްރެސްއާ ހަމައަށް އެކަން ހައްލުވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
“އަޅުގަނޑުމެންގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ބެއްލެވުމުގެ ދަށުން މި ޕާޓީ މިދަނީ ވަރަށް ބާރު ދުވެލީގައި ކުރިއަށް. އިރާދަފުޅުކުރެއްވިއްޔާ ކޮންގްރެސްގެ ކުރިން ރާއްޖޭގެ އެއްވެސް ތަނެއްގައި ޖަގަހައެއް ނެތް ރަށެއް ނުހުންނާނެ،” ފަލާހް ވިދާޅުވިއެވެ.
ފަލާހް އިތުރަށް ވިދާޅުވީ ޕީއެންސީގެ މެންބަރުން ތިބި ކޮންމެ ރަށެއްގައި ޕާޓީގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ގިނަ ވަސީލަތްތަކެއް މިހާރުވެސް ފޯރުކޮށްދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސައުންޑް ސިސްޓަމާއި، ގޮނޑި މޭޒު ފަދަ ޒަރޫރީ ތަކެތި ހިމެނޭ ކަމަށާއި، މިހާ ފުޅާދާއިރާއެއްގައި ވަސީލަތްތައް ގާއިމުކުރެވިފައިވާ އެހެން ޕާޓީއެއް ރާއްޖޭގައި ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޖަގަހަތައް ހަމައެކަނި ގާއިމުކުރުމުގެ ބަދަލުގައި، އެ ތަންތަނަކީ މެދުނުކެނޑި ހަރަކާތްތައް ހިންގޭނެ ދިރުންހުރި ތަންތަނަށް ހެދުމަށް ޕާޓީން އިސްކަންދޭނެ ކަމަށް ފަލާހް ވިދާޅުވިއެވެ. އެގޮތުން ޖަގަހަތައް ހުޅުވުމަށްފަހު ދޫކޮށްނުލާނެ ކަމަށާއި، ހުރިހާ ވަސީލަތްތަކާއެކު އެތަންތަނުގައި ސިޔާސީ މަސައްކަތްތައް ކުރިއަށްދާނެ ކަމުގެ ޔަގީންކަން އޭނާ އެ ޕާޓީގެ ސަޕޯޓަރުންނަށް ދެއްވިއެވެ.
ޕީއެންސީން މިހާރު އަންނަނީ ޕާޓީގެ މެންބަރުން އިތުރުކުރުމާއި، އޮކްޓޫބަރު މަހު ބާއްވާ ކޮންގްރެސްއަށް ތައްޔާރުވުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންނެވެ.

