ހއ. އިހަވަންދޫ ކައުންސިލަށް މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި އިންތިހާބުވި ދެ މެމްބަރަކު ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީ (ޕީއެންސީ) އަށް މިއަދު ސޮއިކުރައްވައިފިއެވެ. މިގޮތުން ޕީއެންސީއާ ގުޅިވަޑައިގަތީ އިހަވަންދޫ ކައުންސިލް މެމްބަރު މުހައްމަދު ފިރާޤާއި، އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު ހަލީމަތު ހުރާސަތެވެ.
މި ދެ ބޭފުޅުންގެ މެމްބަރޝިޕް ފޯމާ ހަވާލުވެލެއްވީ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހެވެ. ފަލާހު ވަނީ ރަށާއި ރައްޔިތުންގެ ހައްގުގައި އެ ބޭފުޅުން ނިންމެވި ނިންމެވުމަށް މަރުހަބާ ދަންނަވައިފައެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތައް ރައްޔިތުން ބަލައިގަންނަކަމުގެ ހެއްކެއް ކަމަށެވެ. އަދި އިންތިހާބު ކާމިޔާބުކުރި އެހެން މިނިވަން މެމްބަރުންނަށްވެސް ޕީއެންސީއާ ގުޅުމުގެ ދައުވަތު ފަލާހު ވަނީ އަރުވާފައެވެ.
ނިމިދިޔަ އިންތިހާބުގެ ނަތީޖާއަށް ބަލާއިރު، ފިރާޤު ވަނީ 743 ވޯޓު ހޯއްދަވާފައެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިހާބުވި ހަލީމަތު ހުރާސަތު ވަނީ 770 ވޯޓު ކާމިޔާބު ކުރައްވާފައެވެ.

