ސިޔާސީ ގޮތުން ތަފާތު ފިކުރުތައް ގެންގުޅުނު ނަމަވެސް، ރާއްޖޭގެ އިގްތިސާދު ހަރުދަނާކޮށް ކުރިއަށް ގެންދެވޭނީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކު ކުރެވޭ މަސައްކަތުން ކަމުގައި އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ފާހަގަކުރައްވައިފިއެވެ. ވަޒީރު މިހެން ވިދާޅުވީ އައްޑޫ ސިޓީގައި ބޭއްވި “އައްޑޫ ބިޒްނަސް ޑައިލޮގް” ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ސަޢީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ ރާއްޖޭގެ ސަރަހައްދުތައް ކަނޑައަޅުއްވައިގެން ހަލުވިކަމާއެކު ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދިއުން ކަމަށެވެ. އެގޮތުން އައްޑޫ ސިޓީއަކީ މި މަސައްކަތުގެ ފެށުން ކަމަށާއި، މި ބިޒްނަސް ޑައިލޮގަކީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި އައްޑޫގެ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާނެ ހަރަކާތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި ޑައިލޮގްގެ ތެރެއިން އައްޑޫގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމުން އަރައިގަތުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭ ކަރުދާހެއް އެކުލަވާލާނެއެވެ. ވަޒީރު ވިދާޅުވި ގޮތުގައި، އެ ކަރުދާސް ވަޒީރުންގެ މަޖިލީހަށް ހުށަހަޅައިގެން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، އައްޑުއަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވާނެއެވެ.
“އައްޑޫގެ ރައްޔިތުން، އައްޑޫގެ ވިޔަފާރިވެރިންގެ ހިތްޕުޅުގައި އެބޭފުޅުންނަށް އެނގޭނެ އައްޑުއަށް ދިމާވާ ދަތިތައް. އެ ހުރަސްތައް ގޮންޖެހުންތައް އޯވަކަމްކޮށްފައި ކުރިއަށްދެވޭނެ ގޮތްތަކަކީ މިހިރަ ފެންނަނީއޭ، ސަރުކާރުން މިކަންކަން ކޮށްދިނީމަ ތިމަންނަމެނަށް ތިމަންނަމެންގެ ސްޕީޑުގައި ކުރިއަށްދެވޭނެއޭ. މި ވިސްނުން އަޅުގަނޑުމެން ބޭނުންވަނީ،” ވަޒީރު ސައީދު
އިގްތިސާދީ މަސައްކަތްތަކުގައި ސިޓީ ކައުންސިލާއި، މުއައްސަސާތަކާއި ވިޔަފާރިވެރިންގެ ބައިވެރިވުން މުހިންމުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އެކަށީގެންވާ ބިމާއި، މަސައްކަތްތެރިން އަދި ފައިސާ ލިބިގެން މެނުވީ މިފަދަ ބޮޑެތި ބަދަލުތައް ނުގެނެވޭނެ ކަމަށެވެ. އަދި އަލަށް އަމަލުކުރަން ފެށި ފޮރިން އިންވެސްޓްމަންޓް ގާނޫނާއި ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ މަޝްވަރާގެ މަގުން ހޯދިފައިވާ ބޮޑެތި ކާމިޔާބީތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
ނިންމަވާލައްވަމުން ވަޒީރު ވިދާޅުވީ، އައްޑޫގައި މި ފެށި މަޝްރޫއަކީ 2040 ވަނަ އަހަރަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް ކުރިއަށްގެންދާ ޕައިލެޓް ޕްރޮޖެކްޓެއް ކަމަށެވެ.

