ޒާތީނުވެ، ދޮގު ނަހަދާ އަދި އަބުރާ ނުބެހިވެސް ސަރުކާރު ޒިންމާދާރު ކުރުވޭނެ ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ހީނާ މިހެން ވިދާޅުވީ ކްރިމިނަލް ކޯޓުގެ އަމުރަކާ ހިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގައި “އަދަދު” ނޫހުގެ ދެ ނޫސްވެރިއަކަށް ޖަލު ހުކުމެއް އިއްވުމާ ގުޅިގެންނެވެ.
ފޭސްބުކް ޕޯސްޓެއްގައި ހީނާ ވިދާޅުވީ، މިއީ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމުގެ މައްސަލައެއް ނޫން ކަމަށެވެ. އަދި މިނިވަންކަން އޭގެ އެންމެ ފުޅާ މިނުގައި ދިނުމުން، އެކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ރައީސުލްޖުމްހޫރިއްޔާއަށް ގަޒްފު ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ރައީސާ ސުވާލުކުރާ ހުރިހާ ނޫސްވެރިން ފުލުހަށް ނުވަތަ ކޯޓަށް ނުގެންދާ ކަމަށާއި، ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު އޮންނަ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.
ކޯޓު އަމުރުތަކަށް ބޯލެނބުމުގެ މުހިއްމުކަމަށް އަލިއަޅުއްވާލައްވަމުން ހީނާ ވިދާޅުވީ، “ދިވެހިރާއްޖޭގެ ދުސްތޫރީ ކޯޓަކުން ގެގް އޯޑަރެއް ނެރުއްވާފައި އޮތުމުން އެއަށް އަމަލު ނުކުރައްވާ ހިތުހުރި ގޮތަކަށް އެ އަމުރާ ހިލާފުވާން ފުރުސަތު ދިނުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަކަށް ވެސް ލިބިވަޑައެއް ނުގަންނަވާ” ކަމަށެވެ.
މީގެ އިތުރުން، ސިޔާސީ މީހުންގެ އަބުރަށް އަރައިގަތުމާއި ދޮގު އިލްޒާމް އެޅުވުން ރާއްޖޭގައި އިތުރުވަމުންދާ ކަމަށް ހީނާ ވިދާޅުވިއެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ ސިޔާސީ ނަފާ ހޯދުމަށްޓަކައި ގާނޫނުއަސާސީން ލިބިދީފައިވާ މިނިވަންކަން ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ފަތުރަމުންދާ “ރޯވަމުންދާ އަލިފާންގަނޑެއް” ފަދަ ކަމެކެވެ.
ހީނާގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ، ގާނޫނު ތަންފީޒު ކުރުމަކީ ހުރިހާ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށެވެ. އަދި ޒާތީނުވެ، ދޮގު ނަހަދާ އަދި އަބުރާ ނުބެހިވެސް ސަރުކާރު ޒިންމާދާރު ކުރުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

