ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރާއްޖޭގެ ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އުދައިގެ އަސަރުކޮށްފާނެތީ އެކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު އިލްތިމާސްކޮށްފިއެވެ. ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން ވެސް އެކަށީގެންވާ ކަމަށެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ވައިޖެހޭނެ ކަމަށް ލަފާކުރާ ގޮތަށް ބަލާއިރު، ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ.
ކަނޑުތަކުގެ ހާލަތަށް ބަލާއިރު، ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. ރާޅުގެ އުސްމިން ދެކުނާއި މެދުރާއްޖެތެރޭގައި 5 ފޫޓާއި 8 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރާއިރު، އުތުރުގައި ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާ ދެމެދުގައެވެ.
މޫސުން ގޯސްވެ، ދިޔަވަރު އެންމެ ބޮޑުވާ ދުވަސްތަކުގައި ބައެއް ރަށްތަކަށް އުދަ އަރައި ބޮޑެތި ގެއްލުންތައް ކުރިމަތިވަމުންދާތީ، ހާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގެ ރަށްތަކުން މިކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

