މި ހަފްތާގެ ތެރޭގައި މާލެ ސަރަހައްދުން ހިމަބިހީގެ (މީސަލްސް) ދެ ކޭސް ފެނިފައިވާތީ، އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއިން ޖުމްލަ ފަސް ކޭސް ފެނިފައިވާއިރު، އޭގެ ތެރޭގައި ރާއްޖެއިން ބޭރުން ބަލިޖެހިގެން އައި ދެ މީހަކު ވެސް ހިމެނެއެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި މިހާރު ދަނީ ބަލި ފެތުރުނު ގޮތް ދެނެގަތުމަށް ތަހުގީގުކޮށް، ބަލިޖެހުނު މީހުންނާ ބައްދަލުވި ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ބަލިޖެހުނު މީހުންނާ ކޮންޓެކްޓްވި ފަރާތްތަކުގެ ތެރެއިން ވެކްސިން ފުރިހަމަނުކުރާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.
ހިމަބިއްސަކީ ކެއްސާ ކިނބިހިއެޅުމުގެ ތެރެއިންނާއި، ޖަރާސީމު ހުރި ތަންތަނުގައި އަތްލުމަށްފަހު މޫނުގައި އަތްލުމުން ވަރަށް ފަސޭހައިން ފެތުރޭ ބައްޔެކެވެ. މި ބަލީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއެކު ހަށިގަނޑުގައި ރަތް ބިހިތަކެއް ނެގުމާއި، ކެއްސުމާއި، ނޭފަތުން އަރިދަފުސް ފޭބުމުގެ އިތުރުން ލޯ ރަތްވުން ހިމެނެއެވެ. އެހެންކަމުން މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އެޗްޕީއޭއިން އިރުޝާދުދެއެވެ.
މި ބަލީގެ ނުރައްކާ އެންމެ ބޮޑީ ހަށިގަނޑުގެ ދިފާއީ ބާރު ދަށް މީހުންނާއި، މާބަނޑު މީހުންނާއި، ކާނާގެ މައްސަލަތައް ހުންނަ ކުދިންނަށެވެ. ބަލިން ރައްކާތެރިވުމަށް އޮތް އެންމެ މުހިއްމު މަގަކީ ވެކްސިން ފުރިހަމަކުރުމެވެ. ރާއްޖޭގެ ގައުމީ ވެކްސިން ޝެޑިއުލްގެ ދަށުން އެމްއާރު އަދި އެމްއެމްއާރު ވެކްސިން ގަވާއިދުން ދެމުންގެންދާތީ، ވެކްސިން ފުރިހަމަކުރުމަށް ސަމާލުކަން ދިނުމަކީ ބަލިން ރައްކާތެރިވުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

