ބަރަކާތްތެރި އަޟްޙާ ޢީދުގެ ބަންދާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދެ ދުވަސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހަމަޖައްސަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ މި މަހުގެ 24 ވާ އާދިއްތަ ދުވަހާއި، 25 ވާ ހޯމަ ދުވަސް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސެވުމަށެވެ. މި ނިންމެވުމާއެކު މިއަހަރުގެ އަޟްޙާ ޢީދުގެ ބަންދުގެ ގޮތުގައި މުވައްޒަފުންނަށް ޖުމްލަ ނުވަ ދުވަސް ލިބިގެންދާނެއެވެ.
މިގޮތަށް ހަމަޖެއްސެވި ސަބަބާ ގުޅޭގޮތުން ރައީސް ވިދާޅުވީ، މިއީ އަޟްޙާ ޢީދުގެ ބަންދާ ގުޅިގެން ޢާއިލާއާއެކު ވީހާވެސް ގިނަ ދުވަސްތަކެއް އެކުގައި ހޭދަކުރުމަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށެވެ. އަދި މީގެ ބޭނުމަކީ މެދުނުކެނޑޭގޮތަށް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭގޮތް ހަމަޖައްސަވައިދެއްވުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޢީދު ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް ދެން ހުޅުވޭނީ، މިހާރުވެސް ކަލަންޑަރުގައިވާ ގޮތުގެ މަތީން މި ހިނގާ މޭ މަހުގެ 31 ވާ އާދީއްތަ ދުވަހުއެވެ. މި ނިންމެވުމާއެކު ސަރުކާރުގެ ގިނަ މުވައްޒަފުންނަށް ދިގު ބަންދެއްގައި އާއިލާއާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

