ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގައި ފްރީ ޒޯންތަކެއް ޤާއިމްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ "އައްޑޫ ރީޖަނަލް ފްރީ ޒޯން" މިއަދު ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ. އައްޑޫ ހައި ސްކޫލްގައި މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢު އިފްތިތާހްކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސައީދާއި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާނެވެ.
މި ފްރީ ޒޯން އިފްތިތާހްކުރުމާއެކު، އެ ސަރަހައްދުގައި މުދާ ރައްކާކުރުމާއި ފްރީ ޒޯންއާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ވިޔަފާރިތަކަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" (އީ.އޯ.އައި) ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެމް.ޕީ.އެލްގެ ފަރާތުން ހުޅުވާލާފައިވާ މި ފުރުސަތު 13 މެއި 2026 އިން ފެށިގެން 11 ޖޫން 2026 ގެ ނިޔަލަށް ދެމިއޮންނާނެއެވެ. އީ.އޯ.އައި ހުށަހަޅާ މުއްދަތު ހަމަވުމުން، ޝައުގުވެރިވާ ފަރާތްތަކަށް މަސައްކަތުގެ ތަފްސީލާއި ބިމުގެ ލީސް އެއްބަސްވުމާ ގުޅޭ ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ދެވޭނެ ކަމަށް އެމް.ޕީ.އެލް އިން މަޢުލޫމާތުދެއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އައްޑޫ ސިޓީއަކީ ބައިނަލްއަޤްވާމީ ފެންވަރުގެ ސަރަހައްދީ ވިޔަފާރި ހަބަކަށް ހެދުން ކަމަށެވެ. "މިކަމުގެ ސަަބަބުުން ދެކުނުގައި ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތު އުފެދޭނެ. އަދި އަމިއްލަ ވިޔަފާރިވެރިންނަށް އައު އިންވެސްޓްމަންޓްތަކަށް މަގު ހުޅުވުމުގެ އިތުރުން، ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ މިންވަރު އިތުރުވެ، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ބޮޑުވުމާއި، މާލޭ ސަރަހައްދަށް ބަރޯސާވުން ކުޑަވެ، ސަރަހައްދީ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބޭނެ،" މިނިސްޓަރ ވިދާޅުވިއެވެ.
އެމް.ޕީ.އެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ލައްމާން ވިދާޅުވީ މިއީ ހަމައެކަނި ނަންބޯޑެއް ނޫން ކަމަށާއި، މިއީ ހިތަދޫ ޕޯޓަށް އިހުތިސާސްކުރެވިފައިވާ 1.7 ހެކްޓަރުގެ ބިމުގެ ތެރެއިން 20,000 އަކަފުޓޫގެ ސަރަހައްދެއްގައި އިންވަކިކޮށް، ފެންސުޖެހި، ދުރުވިސްނުމަކާއެކު ފެށިފައިވާ މަސައްކަތެއް ކަމަށެވެ. މި މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދީ އަދި އުމްރާނީ ތަރައްޤީގެ އަޖާއިބަކަށް ވެގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މިހާރު ކުރިއަށްދަނީ ފްރީ ޒޯންގެ ޚިދުމަތަށް ކަނޑައަޅާފައިވާ 20,000 އަކަ ފުޓޫގެ ބިމުގެ އިން ވަކިކޮށް ފެންސް ޖެހުމުގެ އަމަލީ މަސައްކަތެވެ. މި ސަރަހައްދުން ބިން ދޫކުރާނެ ފަރާތްތައް ކަނޑައަޅާނީ ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހުގައެވެ.

