އައްޑޫ ސިޓީގައި ގާއިމްކުރާ "އައްޑޫ ރީޖަނަލް ފްރީ ޒޯން" ގައި މުދާ ރައްކާކުރުމާއި ފްރީ ޒޯންއާ ގުޅުންހުރި އެކި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ވިޔަފާރިތަކަށް އެ ސަރަހައްދުން ޖާގަ ހޯދުމަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" (އީ.އޯ.އައި) ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އިން ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ 13 މެއި 2026 އިން ފެށިގެން 11 ޖޫން 2026 ގެ ނިޔަލަށެވެ.
އީ.އޯ.އައި ހުށަހަޅާ މުއްދަތު ހަމަވުމުން، ޝައުގުވެރިވާ ވިޔަފާރިތަކަށް އެ ފަރާތްތަކުން ކުރަން ބޭނުންވާ މަސައްކަތުގެ ތަފްސީލާއި، ބޭނުންވާ ބިމުގެ ބޮޑުމިނާއި ލީސް އެއްބަސްވުމާ ގުޅޭ ތަފްސީލުތައް ހިމެނޭ ގޮތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ފްރީ ޒޯން ސަރަހައްދުން ބިން ދޫކުރާނެ ފަރާތްތައް ކަނޑައަޅާނީ ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހުގައެވެ. މި ސަރަހައްދު ހާއްސަކުރެވިފައިވަނީ ސިނާއީ މަސައްކަތްތަކާއި، މުދާ ތައްޔާރުކުރުމާއި، އެސެމްބްލްކުރުމާއި، ގުދަންކުރުން އަދި ލޮޖިސްޓިކްސްގެ މަސައްކަތްތަކަށެވެ.
އެމް.ޕީ.އެލް އިން ވަނީ ފްރީ ޒޯންގެ ބިން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ޓެރިފްތައް ވެސް އާންމުކޮށްފައެވެ. އެގޮތުން ޑިއުޓީ ފްރީ ޒޯންގެ ހުސްބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ އަންނަަނިވި ރޭޓުތަކުގައެވެ:
- ދުވާލަކަށް: 1,000 އަކަ ފޫޓަށް 153.33 ރުފިޔާ (ޖީ.އެސް.ޓީ ނުލައި)
- ދުވާލަކަށް: 1,000 އަކަ ފޫޓަށް 165.60 ރުފިޔާ (ޖީ.އެސް.ޓީ އާއެކު)
- މަހަކަށް: 1,000 އަކަ ފޫޓަށް 4,600 ރުފިޔާ ނުވަތަ 298 ޔޫ.އެސް ޑޮލަރު (ޖީ.އެސް.ޓީ ނުލައި)
ދިވެހިރާއްޖޭގެ އިގްތިސާދު ހަރުދަނާކޮށް، ވިލުންތެރި އިގްތިސާދެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އައްޑޫ ސިޓީއަކީ ވިޔަފާރީގެ ހަބަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. މިގޮތުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ރާއްޖޭގައި މިކަމަށް ހާއްސަކުރާ ފުރަތަމަ ސަރަހައްދެއްގެ ގޮތުގައި އައްޑޫ ސިޓީ (ހުޅުދޫ އާއި މީދޫ ހިމެނޭހެން) ވަނީ ކަނޑައަޅާފައެވެ.
މި މަޝްރޫއަކީ އެމް.ޕީ.އެލް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި ސަރުކާރުގެ ކަމާބެހޭ އެހެނިހެން އިދާރާތައް ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. ޝައުގުވެރިވާ ވިޔަފާރިތަކުން bussiness@port.mv އަށް އީ-މެއިލް މެދުވެރިކޮށް އީ.އޯ.އައި ހުށަހެޅުމަށް އެމް.ޕީ.އެލް އިން އިލްތިމާސްކުރެއެވެ.

