އޭވިއޭޝަން ފޯރަމް 2026 ގައި ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ. މި ފޯރަމްގައި ޝަރީފް ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މުސްތަޤުބަލަށް އެމްއޭސީއެލް އިން ގެންގުޅޭ ތަޞައްވުރު ހިއްސާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ޝަރީފް މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ އެއަރޕޯޓުގެ ކެޕޭސިޓީ އިތުރުކުރުމާއި، އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކުގެ އިތުރުން އެއަރޕޯޓުގެ އޮޕަރޭޝަންތައް މިހާރަށްވުރެ ހަރުދަނާކޮށް ސްމާޓްކޮށް ކުރިއަށް ގެންދިއުމާ ގުޅޭގޮތުންނެވެ. އެއަރޕޯޓަކީ މުސްތަޤުބަލަށް އަމާޒުކޮށްގެން ތަރައްޤީވަމުން އަންނަ ތަނަކަށްވާއިރު، މި ބަދަލުތަކަކީ މުހިންމު ބަދަލުތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އޭވިއޭޝަން ފޯރަމްގައި ވާހަކަދައްކަވަމުން ސީއީއޯ ޝަރީފް ވިދާޅުވީ “ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ސްމާޓް، ވަރުގަދަ އަދި ފަސިންޖަރުންނަށް ލުއިފަސޭހަ ތަނަކަށް ހެދުމަށް އެމްއޭސީއެލް އިން އަބަދުވެސް މަސައްކަތް ކުރާނެ” ކަމަށެވެ. މީގެ އިތުރުން އެއަރޕޯޓުގެ ޚިދުމަތްތައް އެންމެ ޒަމާނީ ފެންވަރަށް ބަދަލުކުރުމަކީ ކުންފުނީގެ މުހިންމު އަމާޒެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ފޯރަމަކީ ބައިނަލްއަޤުވާމީ ފެންވަރުގައި އޭވިއޭޝަން ދާއިރާގެ ކުރިމަގާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ ސަބަބުން ރާއްޖޭގެ މައި ދޮރާށީގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

