މާލެއާއި ހުޅުމާލެ ގުޅުވައިދޭ ހަލިމަގު (ހައިވޭ) ގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މަރުވީ އިންޑިއާގެ ރައްޔިތެއް ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން މިއަދު ވިދާޅުވީ، މި އެކްސިޑެންޓްގައި މަރުވެފައިވަނީ އުމުރުން 50 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށެވެ. ރޭ މި ހާދިސާ ހިނގި ވަގުތު އޭނާ މަރުވެފައިވާކަން ފުލުހުން ކަށަވަރުކޮށްދިން ނަމަވެސް، އޭނާގެ ވަނަވަރު އޭރު ހާމަކޮށްފައެއް ނުވެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ހަލިމަގު، ހުޅުމާލޭން މާލެއަށް ދަތުރު ކުރާ ފަޅީގައި ރޭ 22:12 އެހާކަންހާއިރުއެވެ. ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، މި ހާދިސާ ހިނގީ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދަތުރު ކުރި ޕިކަޕެއްގެ ދަށުވެގެންނެވެ.
މި ނުރައްކާތެރި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

