1447 ވަނަ އަހަރު ރާއްޖެއިން ހައްޖަށްދާ މީހުންނަށް ސައުދީ ސަރުކާރުގެ "މައްކާ ރޫޓް އިނިޝިއޭޓިވް" ގެ ދަށުން ބޮޑެތި ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމަށްޓަކައި، ވެލަނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގައި ބޭނުންވާ ސެޓަޕްތައް ގާއިމުކޮށްފިއެވެ. މި ޚިދުމަތް ދިނުމަށްޓަކައި ސައުދީ އަރަބިއްޔާގެ ޚާއްސަ ޓީމެއް މިހާރު އަންނަނީ ރާއްޖޭގައި ހަރަކާތްތެރިވަމުންނެވެ.
މި އަހަރުގެ ހައްޖުވެރިން ހުކުރު ދުވަހު ފުރަން ފަށާއިރު، މި އިނިޝިއޭޓިވްގެ ސަބަބުން ހައްޖުވެރިން ޖިއްދާ އެއަރޕޯޓުގައި ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. މި ޚިދުމަތުގެ ދަށުން ސައުދީ އަރަބިއްޔާގެ އިމިގްރޭޝަން ކަންކަން ރާއްޖެއިން ފުރުމުގެ ކުރިން ނިންމާލެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. މިއީ މިދިޔަ އަހަރު ރާއްޖެއަށް ތައާރަފްކުރި ޚިދުމަތެކެވެ.
މައްކާ ރޫޓްގެ ދަށުން ހައްޖުވެރިންނަށް ލިބޭނެ އަނެއް ބޮޑު ލުޔަކީ، ޖިއްދާ އެއަރޕޯޓަށް ފޭބުމަށްފަހު ލަގެޖު ބަލާ މަޑުކުރަން ނުޖެހުމެވެ. ސައުދީ ޕޯސްޓްގެ "ސުބުލް" އޮތޯރިޓީ މެދުވެރިކޮށް، ހައްޖުވެރިންގެ ލަގެޖުތައް ސީދާ އެމީހަކު ހުންނަ ހޮޓަލަކަށް ފޯރުކޮށްދިނުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.
މި އިންތިޒާމުތަކުގެ ދަށުން ހައްޖުވެރިންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތްތައް ވެސް ދުރާލާ ވަނީ ފަށާފައެވެ. މީގެ ތެރޭގައި އިނގިލީގެ ނިޝާނާއި މޫނުގެ ފީޗަރސްތައް ނެގުން ހިމެނެއެވެ. މިއީ ސައުދީ ވިޝަން 2030 ގެ ދަށުން، ހައްޖުވެރިންނަށް ލުއިފަސޭހަ ކޮށްދިނުމަށް 2018 ވަނަ އަހަރުން ފެށިގެން އެ ގައުމުގެ ހައްޖު މިނިސްޓްރީއާއި އިންޓީރިއާ މިނިސްޓްރީ ގުޅިގެން ހިންގާ މަޝްރޫއެކެވެ.

