ރާއްޖޭގެ އެއްވެސް ރަށެއްގައި ތަރައްޤީގެ މަޝްރޫޢުއެއް ނުހިނގާ ނޯންނާނެ ކަމަށާއި، ބައެއް ރަށްރަށުގައި އެއް މަޝްރޫޢަށްވުރެ ގިނަ މަޝްރޫޢުތައް މިހާރުވެސް ކުރިއަށްދާ ކަމަށް ރައީސް އޮފީހުގެ އިސްތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މުންދު ވަނީ ސަރުކާރުން ތަރައްޤީގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދާކަމުގެ ޔަގީންކަން ދެއްވާފައެވެ.
މުންދު ވިދާޅުވީ، “ރާއްޖޭގައި މަޝްރޫޢު ނުހިނގާ ރަށެއް ނޯންނާނެ. އެއް މަޝްރޫޢުއަށްވުރެ ގިނަ މަޝްރޫޢު ހިނގާ ރަށްރަށް ހުންނާނީ. އެކަން ފަޚްރުވެރިކަމާއެކު އަބަދުވެސް ފާހަގަކުރަނީ އަޅުގަނޑުމެން. ބައެއް ތަންތާނގައި އެބަހުރި ވަރަށް ބައިވަރު މަޝްރޫއުތައް އެކި ހިސާބުތަކަށް ގޮއްސަ،” ކަމަށެވެ.
މި ސަރުކާރުން ވޭތުވެދިޔަ 45 އެއްހާ ދުވަހުގެ ތެރޭގައި 971 މިލިއަން ޑޮލަރުގެ ދަރަނި ދައްކާފައިވާކަން ފާހަގަކުރައްވަމުން، އިސްތަރުޖަމާނު ވިދާޅުވީ މި ފައިސާ ދައްކާފައިވަނީ އެމްއެމްއޭއާއި ފިނޭންސް މިނިސްޓްރީ ގުޅިގެން ކަމަށެވެ. އަދި ދަރަނި ދެއްކުމަށްޓަކައި މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ ޕީއެސްއައިޕީ ބަޖެޓުން އެއްވެސް އުނިކަމެއް ގެނެސްފައި ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
“އެއްވެސް މަޝްރޫޢަކަށް އަޅުގަނޑުމެން މިދައްކާ ލޯނަކުން ނޫނީ ދަރަނި އަދާކުރުމުގެ ސަބަބަކުންނެއް ހުއްޓުމެއް ނޫނީ ލޮޅުމެއް ނާންނާނެ. އަޔަސް އަންނާނީ ކޭޝް ފްލޯގެ ސަބަބުން،” މުންދު ވިދާޅުވިއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ކޭޝް ފްލޯއަށް އަސަރުތަކެއް ކުރި ނަމަވެސް، ސަރުކާރުން މަސައްކަތް ކުރަނީ ޒިންމާދާރުކަމާއެކު މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށެވެ.
ސުކޫކަށް ފައިސާ ދެއްކުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، އެ ފައިސާ ދެއްކީ އެސްޑީއެއްގައި ހުރި ފައިސާއިން ކަމަށާއި، އެއީ ދުރާލާ ރޭވިގެން ކުރެވުނު ކަމެއް ކަމަށެވެ. އެހެންކަމުން ދަރަނި ދެއްކުމަކީ ތަރައްޤީގެ މަޝްރޫޢުތައް މަޑުޖެހެންޖެހޭ ސަބަބެއް ނޫންކަން އޭނާ ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.

