ވ. އަތޮޅުގައި ފީނަން އުޅެނިކޮށް ގެއްލުނު އިޓަލީވިލާތުގެ ޑައިވަރުން ހޯދުމަށް އެމްއެންޑީއެފްއިން ކުރިއަށްގެންދާ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަން ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިއޮޕަރޭޝަން ހިނގަމުންދާ ސަރަޙައްދަށް ވަޑައިގަތުމުން، އެމްއެންޑީއެފްގެ ފަރާތުން ވަނީ އޮޕަރޭޝަން ރާވާލާފައިވާ ގޮތާއި މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ތަފްސީލް އެމަނިކުފާނާ ހިއްސާކުރައްވާފައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ އިތުރުން ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސް ވަނީ މި ހާދިސާގައި ގެއްލުނު މީހުންގެ އާއިލާތަކަށާއި އިޓަލީ ސަރުކާރަށް ތައުޒިޔާ ވިދާޅުވެ، ގެއްލިފައިވާ 4 މީހުން ހޯދުމުގެ މަސައްކަތަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު 13:45 ހާއިރުއެވެ. ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅުނު އިޓަލީގެ 5 ޑައިވަރުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:13 ހާއިރު ވަނީ ފެނިފައެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ 60 މީޓަރު އަޑިން ކޭވްއެއްގެ ބޭރުންނެވެ. ބާކީ ތިބި 4 ޑައިވަރުން ތިބި ކަމަށް ލަފާކުރެވެނީ 200 ފޫޓު ދިގު މި ކޭވްގެ ތެރޭގައެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދޭ ގޮތުގައި މިއީ ވަރަށް ނުރައްކާތެރި “ހައި ރިސްކް” އޮޕަރޭޝަނެކެވެ. މި ކޭވް ހިމެނޭ ސަރަހައްދަކީ އާންމުކޮށް ޑައިވަރުން ގޮސް އުޅޭ ސަރަހައްދުތަކަށްވުރެ ފުން، އަދި ހާއްސަ އާލާތްތަކާއެކު ޕްރޮފެޝަނަލް ޑައިވަރުންނަށް ނޫނީ ނުދެވޭނެ ހިސާބެކެވެ. ކޭވް ފެށެނީ 45 މީޓަރު އަޑިން ކަމަށާއި، ކޭވްއިން ނިކުމެވޭއިރު 60 މީޓަރު އަޑިއަށް ދެވޭ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
މިހާތަނަށް ކުރިއަށްގެންދިޔަ ސަރޗް އޮޕަރޭޝަންގެ ތެރެއިން ފުރަތަމަ ޑައިވް މިހާރު ވަނީ ނިންމާލާފައެވެ. މި ޑައިވްގައި ކޭވް ހުޅުވޭ ހިސާބު ލޮކޭޓްކޮށް ބެލޫން ލާފައިވާއިރު، މިހާރު ދަނީ ދެވަނަ ޑައިވްއަކަށް ތައްޔާރުވަމުންނެވެ. މި މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީގެ އިތުރުން ފުލުހުންނާއި، ސަފާރީއެއްގެ ޑައިވަރުންނާއި އަލިމަތާ ރިސޯޓުގެ އެހީތެރިކަން ލިބެމުންދާކަން ފާހަގަކުރެވެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން އޮޕަރޭޝަނަށް ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އަދި މި އޮޕަރޭޝަންގައި އިޓަލީ ސަރުކާރުން ދެއްވާ އެއްބާރުލުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

