ތައުލީމީ ދާއިރާގައި ވަނަވަނައަށް ދިޔަ ދަރިވަރުންނަށް ޕިއްޒާ ނައިޓެއް ގދ.އަތޮޅު ތައުލީމީ މަރުކަޒުގައި ބާއްވައިފިއެވެ.
ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި މިރޭ ބޭއްވުނު މިހަފްލާއަށް ވަޑައިގެންނެވި ބޭފުޅުންނާއި ދަރިވަރުންނަށް މަރުހަބާ ދެންނެވީ އެސްކޫލުގެ ޕްރިންސިޕަލް ޝިފާޒް މުހައްމަދު އާއި އަބޫބަކުރު ސްކޫލުގެ ޕްރިންސިޕަލް ޖަމްޝީދާ އަބްދުﷲއެވެ. މިހަފްލާފައި ކައުންސިލްގެ މެމްބަރުންނާއި އެމް.އެން.ޔޫގެ ފަރާތުންވެސް ވަނީ ބައިވެރިވެފައެވެ.
މިރަސްމިއްޔާތުގައި އެމް.އެން.ޔޫގެ ފަރާތުން ދަރިވަރުންނަށް ކެރިޔާ ގައިޑެންސާއި ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދެވުނެވެ. އެގޮތުން ދަރިވަރުން ސްކޫލް ނިންމުމަށްފަހު ކުރިޔަށް ދާނެ ދާއިރާއެއް ކަނޑައެޅުމުގައި ވިސްނަންޖެހޭ މުހިންމު ކަންތައްތަކާއި ބެހޭގޮތުން މައުލޫމާތް ދެވުނެވެ. އަދި އެމް.އެން.ޔޫގައި ދަރިވަރުންނަށް ހުރި ފުރުސަތުތައް ހާމަކޮށްދިނެވެ.
ކޮވިޑް-19ގެ ޕެންޑަމިކްގެ ތެރޭގައިވެސް ދަރިވަރުން ދެއްކި ހިތްވަރަށް ސާބަސް ދެމުން ޕްރިންސިޕަލް ވިދާޅުވީ ސްކޫލެއްގެ ކާމިޔާބީއަކީ އެސްކޫލްގެ ދަރިވަރުން ކަމަށެވެ. ޕެންޑަމިކް ތެރޭ ވަކިވަކި ދަރިވަރުން ސްކޫލަށް ގެނެސްގެން ޓީޗަރުން ކުރެއްވި ބުރަ މަސައްކަތް ޝިފާޒް ވަނީ ފާހަގަކޮށްފައެވެ. ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށްޓަކައި ޓީޗަރުން ވަމުންދާ ޤުރުބާނީއަށް ޝިފާޒް ވަނީ ޝުކުރު އަދާކޮށްފައެވެ.
ޝިފާޒް ވިދާޅުވި ގޮތުގައި މިއީ ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ ތާރީޚުގައިވެސް އެންމެ ގިނަ ދަރިވަރުން ގަދަ 10 ގައި ހިމެނުނު ފުރަތަމަ ފަހަރެވެ.
ކޮންމެ ކުއްޖަކީ ވެސް އެކި ހުނަރުތައް ލިބިފައިވާ ގާބިލް ކުއްޖެއް ކަމާއި ސްކޫލުތަކުން ކޮށްދޭންޖެހޭ ކަމަކީ، އެ ހުނަރުތައް ދެނެގަނެ އެކަންކަން ކުރިއަރުވަން އެންމެ ރަނގަޅަށް މަސައްކަތްކޮށްދިނުން ކަމަށް ޝިފާޒް ވިދާޅުވިއެވެ.
އަހަރަކަށް ފަހު އަހަރެއްގެ ނަތީޖާ ރަނގަޅުވަމުން ދިއުމާ އެކު ގަދަ 10ގައި ހިމެނޭ ދަރިވަރުންގެ އަދަދު ވެސް ދަނީ މައްޗަށެވެ. އެގޮތުން، މިދިޔަ އަހަރު ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ ފަރާތުން އޯ ލެވެލް އިމްތިހާނުގައި ބައިވެރިވި 18 ކުއްޖަކު ވަނީ ގަދަ 10ގައި ހިމެނިފައެވެ. އެސްކޫލުން އޯލެވެލް ނިންމި ހުރިހާ ދަރިވަރުންނަށް މިހަފްލާގައި ވަނީ ދައުވަތުދީފައެވެ.
މީގެއިތުރުން ތިނަދޫގައި ހިންގާ ހަތަރު ރެސްޓޯރެންޓެއް ކަމަށްވާ ޒިންމާމަން، ސޮލެއިލް، ޒަޔޯބީ އަދި ވޯޓާޑެކްގެ ފަރާތުން މިހަފްލާއަށް ޕިިއްޒާ ހަދިޔާ ކޮށްފައިވާއިރު އަމާރީ ރިސޯޓުގެ ފަރާތުން ވަނީ ހާއްސަ ކޭކެއް ހަދިޔާކޮށްފައެވެ. އެހެންކަމުން ޕްރިންސިޕަލް ޝިފާޒްވަނީ އެފަރާތްތަކަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.
މިރަސްމިއްޔާތު ނިމިގެން ދިޔައީ ކޭކްފެޅުމާއިއެކު ދަރިވަރުންނާއި މެހެމާނުންނަށް އެރުވުނު ޕިއްޒާ ކެއުމަކުންނެވެ.

