ދ. މީދޫގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޝެޑެއް ހުޅުވައި، ރަސްމީކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.
އެފްއެސްއެމުން މިއަދު ބުނީ، ދ. މީދޫގައި އެ ކުންފުނިން ގާއިމްކުރި ޝެޑްގެ ޚިދުމަތް މިހާރު ވަނީ ރަސްމީކޮށް ފަށާފައި ކަމަށެވެ. މިއީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން، ރާއްޖޭގެ ހުރިހާ ސަރަހައްދަކުން އެސްޓީއޯ ރޭޓްގައި ތެޔޮ ލިބޭނެ މަގު ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދިޔަ މުހިންމު މަޝްރޫޢެއް ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
މީގެ އިތުރުން، މިއީ ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ފެންވަރު ރަނގަޅު ތެލުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެފްއެސްއެމުން ފާހަގަކުރެއެވެ.
މުޅި ރާއްޖޭގައި ތެޔޮ ލިބޭނެ އިންތިޒާމު ފަސޭހަކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފިއުލް ސްޓޭޝަންތައް ތަރައްޤީކުރުމުގެ މަސައްކަތް ބާރުމިނުގައި ދަނީ ކުރިއަށެވެ. މި މަޝްރޫޢުގެ މައިގަނޑު ސިޔާސަތަކީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ފިއުލް ސްޓޭޝަން ޤާއިމުކުރުމެވެ.
މި މަޝްރޫޢުގެ ދަށުން މިހާތަނަށް ރާއްޖޭގެ 7 ސަރަޙައްދެއްގައި ސްޓޭޝަންތައް ހުޅުވައި ޚިދުމަތް ދޭން ފަށާފައިވެއެވެ. އަދި ބާކީ ހުރި ސްޓޭޝަންތަކުގެ މަސައްކަތްތައް ވެސް ރާއްޖޭގެ އެކި އަތޮޅުތަކުގައި މިހާރު ދަނީ ކުރިއަށެވެ. އެފްއެސްއެމުން މިހާތަނަށް ޝެޑް ގާއިމްކޮށް ޚިދުމަތް ދޭން ފެށި ރަށްތަކުގެ ތެރޭގައި ހިމެނެނީ:
- ދ. މީދޫ
- ހއ. އިހަވަންދޫ
- ހދ. ހަނިމާދޫ
- ށ. މިލަންދޫ
- ރ. ދުވާފަރު
- ބ. އޭދަފުށި
- ފ. ނިލަންދޫ
މި ޚިދުމަތާއެކު، އެ ރަށްރަށުގެ އާންމުންނަށާއި މަސްވެރިންނަށް ހެޔޮ އަގުގައި، ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިގެން ގޮސްފައެވެ.

