ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނު ޕްރޮގްރާމްގެ ދެވަނަ ބެޗުގެ ބައިވެރިން ތަމްރީނުތައް ފުރިހަމަކޮށް މިއަދު ދަސްވެނިވެއްޖެއެވެ.
މި ބައިވެރިން ދަސްވެނިވުމަށްޓަކައި ޅ. މާފިލަފުށީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވަޒީރު ހަސަން ރަޝީދެވެ.
ޑިފެންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި ފަހަރުގެ ބެޗުގައި ރާއްޖޭގެ 112 ރަށަކަށް ނިސްބަތްވާ 343 ބައިވެރިން ވަނީ ތަމްރީނު ފުރިހަމަކޮށް ދަސްވެނިވެފައެވެ. މީގެ ތެރޭގައި 280 ފިރިހެން ބައިވެރިންނާއި 63 އަންހެން ބައިވެރިން ހިމެނެއެވެ. އަދި މި ބެޗުގެ ބައިވެރިންގެ ތެރެއިން 113 ކުދިންނަކީ އުމުރުން 18 އަހަރުން ދަށުގެ ކުދިންކަން ފާހަގަކޮށްލެވެއެވެ.
ވަތަނީ ހިދުމަތުގެ ތަމްރީނު ފުރިހަމަކުރި މި ބައިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަރުހަބާ ވިދާޅުވެފައެވެ.
13 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމަކީ ދަރިވަރުންގެ ކިބައިގައި ޤައުމީ ރޫޙު އާލާކުރުމަށާއި، ޒިންމާދާރު ރައްޔިތަކަށް ހެދުމަށްޓަކައި ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މި ތަމްރީނުތަކުގެ ތެރޭގައި ދިވެހި ޤައުމިއްޔަތާއި، ދީނީ ތަރުބިއްޔަތާއި، ލީޑަރޝިޕް ހުނަރުތަކާއި، ފަސްޓްއެއިޑް، ފަޔަރ ފައިޓިންގ، އަދި ބަހުގެ ހުނަރުތައް ހިމެނެއެވެ. މީގެ އިތުރުން ހަށިހެޔޮކަމާއި، ފެތުމާއި، މޫދަށް އަހުލުވެރިވުމުގެ އިތުރުން ހެވިކަމާއި، ކޭމްޕިންގ އަދި ތަފާތު ފީލްޑް އެކްޓިވިޓީތައް ބައިވެރިން ވަނީ ފުރިހަމަކޮށްފައެވެ.
ނޭޝަނަލް ސަރވިސް އިނީޝަލް ޓްރެއިނިން ފުރިހަމަކުރުމުން ބައިވެރިންނަށް މުހިންމު ސަނަދުތަކެއް ލިބިގެންދެއެވެ. އޭގެ ތެރޭގައި ސެޓްފިކެޓް 3 އިން ސިވިކް އެޑިއުކޭޝަން އެންޑް ލީޑަރޝިޕް، ކޮމިޔުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ، ބޭސިކް ފަސްޓް އެއިޑް ސެޓްފިކެޓް އަދި ޕިއަރ އެޑިއުކޭޝަން ޓްރެއިނިން ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ހިމެނެއެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ ބެޗުގައި 108 ރަށަކުން 350 ދަރިވަރުން ބައިވެރިވެ، 344 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. ފުރަތަމަ ބެޗުގެ 96 އިންސައްތަ ދަރިވަރުން ވަނީ ސެޓިފިކެޓް 3 ގެ ފެންވަރަށް މިންގަނޑުތައް ހާސިލުކޮށްފައެވެ.

