މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ ގުޅިގެން ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ “ކެރިއަރ އެކްސްޕްލޮރޭޝަން” ޕްރޮގްރާމް ފަށައިގެން ކުރިއަށް އެބަދެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ފެށި މި ޕްރޮގްރާމަކީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ހަރަކާތެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ އެކި ޑިޕާޓްމަންޓުތަކުން ކުރަމުންގެންދާ މަސައްކަތްތަކުގެ މައުލޫމާތު ޒުވާނުންނަށް ފޯރުކޮށްދިނުމެވެ.
މި ޕްރޮގްރާމްގެ ތެރެއިން ފުލުހުންގެ އެކި ދާއިރާތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ކްލާސްތައް ކުރިއަށް ގެންދާއިރު، ބައިވެރިންނަށް އެކި ޑިޕާޓްމަންޓުތަކަށް ޒިޔާރަތްކޮށް، މަސައްކަތްތައް ބަލައިލުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެއެވެ. އަދި މި ޒިޔާރަތުގެ ސަބަބުން ފުލުހުންގެ މުއައްސަސާގައި ހުރި ތަފާތު ވަޒީފާގެ މައިދާންތަކާއި، މަސައްކަތުގެ މާހައުލު ހުންނަ ގޮތް ބައިވެރިންނަށް ވަރަށް ގާތުން ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

