މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް 871,550 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5.3 އިންސައްތައިގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 920,572 ފަތުރުވެރިންނެވެ.
މިހާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ދުވަސްވަރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 6,408 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ. އަދި މި ހިނގާ މަހުގެ މިހާތަނަށް އެކަނިވެސް 70,114 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ލިސްޓުގެ އެއްވަނައިގައި އަދިވެސް އޮތީ ޗައިނާއެވެ. އެ ގައުމުން މިހާތަނަށް 133,724 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގަދަ 10 ގައުމު:
- ޗައިނާ: 133,724 ފަތުރުވެރިން
- ރަޝިޔާ: 114,719 ފަތުރުވެރިން
- އިނގިރޭސިވިލާތް: 75,487 ފަތުރުވެރިން
- އިޓަލީ: 67,451 ފަތުރުވެރިން
- ޖަރުމަނު: 56,554 ފަތުރުވެރިން
- އިންޑިއާ: 44,834 ފަތުރުވެރިން
- ފްރާންސް: 27,665 ފަތުރުވެރިން
- އެމެރިކާ: 21,825 ފަތުރުވެރިން
- އޮސްޓްރޭލިއާ: 20,132 ފަތުރުވެރިން
- ސްވިޒަލެންޑް: 18,066 ފަތުރުވެރިން
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ފަތުރުވެރިންނަށް ހިދުމަތް ދިނުމަށްޓަކައި މިހާރުވެސް ރާއްޖޭގައި 179 ރިސޯޓާއި، 16 ހޮޓަލުގެ އިތުރުން 952 ގެސްޓް ހައުސްއާއި 171 ސަފާރީ ދަނީ އޮޕަރޭޓް ކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކޮށް، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ

