އިންޑިއާގެ ތިރުވަނަންތަޕޫރަމް (ޓްރިވެންޑްރަމް) އިން ދިއްލީއަށް ދަތުރުކުރި "ހަޒްރަތު ނިޒާމުއްދީން ރާޖްދާނީ އެކްސްޕްރެސް" (އެންޒެޑްއެމް) ރޭލުގައި އާދިއްތަ ދުވަހުގެ ފަތިހު ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހުގެ ފަތިހު 5:15 ހާއިރު، މަދްޔަޕްރަދޭޝްގެ ރަޓްލާމް ޑިސްޓްރިކްޓް ސަރަޙައްދުން ރޭލު ދަތުރުކުރަމުން ދަނިކޮށެވެ. މިއީ ކޯޓާ ރޭލްވޭ ޑިވިޜަންގެ ދަށުން ހިންގާ ވިކްރަމްގަރް އަލޮޓް އާއި ލުނީރިއްޗާ ސްޓޭޝަނާ ދެމެދުގައެވެ. މި ރޭލު ރަޓްލާމް ޖަންކްޝަނުން ފުރާފައިވަނީ ފަތިހު 3:45 ހާއިރުއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވާން ފެށީ ރޭލުގެ ބީ-1 ކޯޗުގައެވެ. ކޮމްޕާޓްމަންޓުން އަލިފާން ކަނި ފެނުމާ އެކު، ރޭލުގެ ގާޑު ވަގުތުން އެކަން ލޮކޯ ޕައިލެޓަށް އެންގިއެވެ. މިއާއެކު ވަގުތުން ރޭލު މަޑުކޮށް، އޭގައި ތިބި ފަސިންޖަރުން ބޭލުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ރޭލްވޭގެ އޮފިޝަލުން ހާމަކުރެއްވި ގޮތުގައި، ހާދިސާ ހިނގި ކޯޗުގައި ތިބި 68 ފަސިންޖަރުން 15 މިނެޓުގެ ތެރޭގައި ވަނީ ރައްކާތެރިކަމާއެކު ބާލާފައެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އޮފިޝަލުން ވިދާޅުވިއެވެ.
ވެސްޓް ސެންޓްރަލް ރޭލްވޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހާދިސާ ހިނގި ވަގުތު ވަގުތުން ކަރަންޓު ކަނޑާލައި އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށެވެ. ބީ-1 ކޯޗުގައި ރޯވި އަލިފާނުގެ އަސަރު އޭގެ ފަހަތުގައި އޮތް ލަގެޖް ކޯޗަށްވެސް ވަނީ ކޮށްފައެވެ. ނަމަވެސް މިހާރު އަލިފާން ރޯވި ކޯޗު ރޭލުން ވަކިކުރެވިފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
މި ހާދިސާގެ ސަބަބުން ދިއްލީ – މުމްބާއީ ރޭލު ދަތުރުތަކަށް ބޮޑެތި ބުރޫތަކެއް އަރާފައިވެއެވެ. އެގޮތުން ފަހެއް ނުވަތަ ހަ ރޭލެއްގެ ތާވަލަށް ބަދަލު އައިސް، ބައެއް ރޭލުތައް އެކި ސްޓޭޝަންތަކުގައި މަޑުކުރަން ޖެހުނު ކަމަށް އޮފިޝަލުން މަޢުލޫމާތު ދެއެވެ.
ރޭލްވޭ އިން މިހާރު ވަނީ މި އަލިފާނުގެ ހާދިސާ މެދުވެރިވާން ދިމާވި ސަބަބު ދެނެގަތުމަށްޓަކައި ޚާއްޞަ ތަޙުޤީޤެއް ފަށާފައެވެ.

