ގދ. ވާދޫ ކައިރީގައި އޮތް ސަފާރީއަކުން ރާޅާއެޅުމަށް މޫދަށް ފޭބި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ މިއަދުގެ މެންދުރު 12:57 އެހައިކަންހާއިރުއެވެ. މި ހާދިސާގައި މަރުވެފައިވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދިޔަ ސްޕެއިންއަށް ނިސްބަތްވާ އުމުރުން 53 އަހަރުގެ ފިރިހެނެކެވެ.
މި ހާދިސާގައި ގެނބުނު ފަތުރުވެރިޔާއަށް ފަރުވާ ދިނުމަށްޓަކައި އެންމެ ފުރަތަމަ ގެންދިޔައީ ގދ. ވާދޫ ސިއްހީ މަރުކަޒަށެވެ. ނަމަވެސް، އެ މީހާ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް އެ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފަތުރުވެރިޔާ ގެނބެން މެދުވެރިވި ސީދާ ސަބަބު އަދި ކަށަވަރުކުރެވިފައި ނުވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. ރާއްޖޭގެ ކަނޑުތަކުގައި މިފަދަ ހާދިސާތައް ހިނގުން އިތުރުވަމުންދާތީ، މޫދަށް އެރި އުޅުމުގައި ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ.

