ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ފަތުރުވެރިން ލޮކޭޓްކުރެވިފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ހާމަކޮށްފިއެވެ.
އެމްއެންޑީއެފް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ގެއްލުނު ފަތުރުވެރިން ހޯދުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑާއި، ދިވެހި ފުލުހުންގެ ހިދުމަތުގެ އިތުރުން އިޓަލީ ސަރުކާރުން ހަމަޖެއްސި ތަޖުރިބާކާރު ޑައިވަރުން ގުޅިގެން ކުރި މަސައްކަތުން އެ މީހުންގެ ހަށިގަނޑުތައް މިހާރު ލޮކޭޓްކުރެވިފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ގެއްލުނު ހަތަރު ފަތުރުވެރިންގެ ހަށިގަނޑު ފެނިފައިވަނީ އެ މީހުން ޑައިވް ކުރަން ދިޔަ ސަރަހައްދުގައި އޮތް ކޭވް ނުވަތަ ހޮހޮޅައެއްގެ ތެރެއިންނެވެ.
އިޓަލީއަށް ނިސްބަތްވާ ޖުމްލަ ފަސް ފަތުރުވެރިން ގެއްލިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ޑައިވިންއަށް ފޭބިފަހުންނެވެ. އެ މީހުންގެ ޚަބަރެއް ނުވެގެން ފުލުހުންނަށާއި ސިފައިންނަށް ރިޕޯޓުލިބުނީ އެ ދުވަހުގެ މެންދުރުފަހު 13:45 ހާއިރެވެ.
ޑައިވިންއަށްދިޔަ ފަސް މީހުންގެ ތެރެއިން އެކަކު ފެނިފައިވަނީ އެ ދުވަހުގެ އިރުއޮއްސި 18:13 ހާއިރު، ގާތްގަނޑަކަށް 60 މީޓަރު އަޑިން ހަމަ އެ ކޭވްއިން ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި ބާކީ ހަތަރު މީހުން ވެސް ވީ 200 ފޫޓު ދިގު އެ ކޭވްގެ ތެރޭގައި ކަމަށް ބެލެވޭކަމަށް އެ ދުވަހު ބުންޏެވެ.
ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި ދެން އިސްކޮށް ހަރަކާތްތެރިވާނީ އިޓަލީ ސަރުކާރުގެ އެދުމުގެ މަތިން ރާއްޖެ އައިސްފައިވާ ފިންލޭންޑުގެ ތިން ތަޖުރިބާކާރުންނެވެ.
އޭނާ ހާމަކުރެއްވި ގޮތުގައި، ދިވެހި ސިފައިންނާއި ފުލުހުންގެ އިތުރުން އަމިއްލަ ދެ ކުންފުންޏެއްގެ ޑައިވަރުން ފިންލޭންޑުގެ ތަޖުރިބާކާރުންނަށް ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

