މިއަހަރުގެ ޢަރަފާތު ދުވަހު، ޢަރަފާތް ބިމުގައި ދޭ ޚާއްޞަ ޚުޠުބާ ވިދާޅުވާނެ ބޭފުޅަކަށް މަސްޖިދުއް ނަބަވީގެ އިމާމު އަދި ޚަޠީބު ފަޟީލަތުއްޝައިޚް ޢަލީ އަލްޙުޛައިފީ ހަމަޖައްސަވައިފިއެވެ. މިކަން އިޢުލާންކޮށްފައިވަނީ ސަޢުދީ ޢަރަބިއްޔާގެ ދެ ޙަރަމުގެ ދީނީ ކަންކަމާ ބެހޭ އިދާރާއިންނެވެ.
ޝައިޚް ޢަލީ އަލްޙުޛައިފީއަކީ ހިޖުރީ ސަނަތުން 1399 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް މަސްޖިދުއް ނަބަވީގެ އިމާމެއް އަދި ޚަޠީބެއްގެ ގޮތުގައި މެދުނުކެނޑި ޚިދުމަތް ކުރައްވަމުންދާ، އިސްލާމީ އުންމަތުގެ އިޙުތިރާމް ލިބިވަޑައިގެންފައިވާ ބޮޑު ޢިލްމުވެރިއެކެވެ. ޚާއްޞަކޮށް، ސަޢުދީ ޢަރަބިއްޔާ އާއި މުޅި އިސްލާމީ ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ ފުންނާބުއުސް ޤާރީއެއްގެ ގޮތުގައި ޝައިޚް މަޝްހޫރުވެވަޑައިގެންފައިވާއިރު، ޝައިޚްގެ ކިޔަވައިވިދާޅުވުންތައް ސަޢުދީގެ ރޭޑިއޯ ޗެނަލްތަކާއި ބައިނަލްއަޤުވާމީ އެކި މީޑިއާތަކުން ދުރަށް ފޮނުވަމުންދެއެވެ.
ތަޢުލީމީ ދާއިރާއަށް ބަލާއިރު، ޝައިޚަކީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީގެ ކުއްލިއްޔަތުއް ޝަރީޢާއިން ފިޤުހާއި ތައުޙީދުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެ ޔުނިވަސިޓީގައި 1397 ވަނަ އަހަރުން ފެށިގެން ކިޔަވައިދެއްވަމުން ގެންދަވާ ޝައިޚަކީ މިހާރު އެ ޔުނިވަސިޓީގެ ޕްރޮފެސަރެކެވެ. ޝައިޚް ވަނީ އެ ޔުނިވަސިޓީގެ ކުއްލިއްޔަތުލް ޙަދީޘާއި، ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީނުގެ އިތުރުން ކުއްލިއްޔަތުލް ޤުރުއާނުގައި ޤިރާއާތުގެ ޢިލްމާއި މަޛުހަބުތަކުގެ ޢިލްމުވެސް އުނގަންނައިދެއްވާފައެވެ.
ޝައިޚް ޢަލީ އަލްޙުޛައިފީ އަދާކުރައްވާފައިވާ އިތުރު މުހިންމު މަޤާމުތަކުގެ ތެރޭގައި، މަސްޖިދުއް ނަބަވީގެ އިތުރުން މަޝްހޫރު ޤުބާ މިސްކިތުގެ އިމާމުކަމާއި، 1401 ވަނަ އަހަރު މަސްޖިދުލް ޙަރާމްގެ އިމާމުކަން ހިމެނެއެވެ. މީގެއިތުރުން، މުޞްޙަފުލް މަދީނަލް މުނައްވަރާ މުރާޖަޢާކުރާ ކޮމިޓީގެ ރައީސްކަމާއި، "މަޖްމަޢުލް އަލްމަލިކު ފަހުދު" އިން މުޞްޙަފު ރެކޯޑުކުރުމުގެ ކަންކަން ބަލަހައްޓާ ކޮމިޓީގެ މެންބަރުކަންވެސް ޝައިޚް ކުރައްވާފައިވެއެވެ.
ކޮންމެ އަހަރަކުވެސް ޢަރަފާތް ދުވަހުގެ ޚުޠުބާ ދެއްވުމަށް ސަޢުދީ ސަރުކާރުން އިޚުތިޔާރުކުރައްވަނީ އިސްލާމީ އުންމަތަށް ބޮޑެތި ޚިދުމަތްތަކެއް ކުރައްވާފައިވާ، ދީނީ ގޮތުން އެންމެ މަތީ ދަރަޖައިގެ ޢިލްމުވެރިންނެވެ. މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމުގެ އެންމެ މުހިންމު އެއް ރުކުން ކަމުގައިވާ ޢަރަފާތް ދުވަހުގެ ޚުޠުބާ އަޑުއެހުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މިލިއަނުން މީހުން އިންތިޒާރު ކުރާނެއެވެ.

