އދ. މަހިބަދޫ ކައުންސިލްގެ ނައިބު ރައީސަކު ހޮވުމަށްޓަކައި ބޭއްވި އަށްވަނަ ވޯޓުގައި، އެ މަގާމަށް އެމްޑީޕީގެ މެންބަރު ޒައީމާ މުހައްމަދު ރޭ އިންތިޚާބުކޮށްފިއެވެ.
އާ ދައުރަކަށް މަހިބަދޫ ކައުންސިލަށް ހޮވުނު ފަސް ބޭފުޅުން ވެސް ވަނީ މިދިޔަ އާދިއްތަ ދުވަހު މަގާމުގެ ހުވާކުރައްވައިފަ އެވެ. އެކަމަކު ގާނޫނު އޮންނަ ގޮތަށް، މެމްބަރުން އިންތިހާބުވުމަށް ފަހު، ބާއްވާ ފުރަތަމަ ޖަލްސާގައި ކައުންސިލަށް ނައިބަކު ހޮވަން ޖެހުނަސް ވޯޓުގެ ނަތީޖާ އެއްވަރުވުމުން، ކައުންސިލްގެ މަސައްކަތްތައް އޮތީ ނުފެށިފަ އެވެ.
ރޭ 9:00 ގައި ބޭއްވި ކައުންސިލްގެ ޖަލްސާގައި ޒައީމާ މި މަގާމަށް ހޮވުނީ ތިން ވޯޓު ލިބިވަޑައިގެންނެވެ. އޭނާއާ ވާދަކުރެއްވި ޕީއެންސީގެ މެންބަރު މުހައްމަދު މައުމޫނަށް ލިބިވަޑައިގަތީ ދެ ވޯޓެވެ. ނައިބު ރައީސްކަމަށް އިންތިޚާބުވި ޒައީމާއަކީ މީގެ ކުރިން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އެ ރަށު ކައުންސިލްގެ ރައީސްކަމަށް ވެސް ވާދަކުރެއްވި ބޭފުޅެކެވެ.
ވޯޓުގެ ކަންކަން ދިޔަ ގޮތާ ގުޅިގެން މައުލޫމާތު ދެއްވަމުން މަހިބަދޫ ކައުންސިލް މެންބަރު އަދި ކައުންސިލްގެ ނައިބު ރައީސްކަމަށް އަމިއްލަ ގޮތުން ކުރިން ވާދަކުރެއްވި ބުންޔާމީން ހަސަން ވިދާޅުވީ، ކައުންސިލްގެ ނައިބު ރައީސަކު ހޮވުމުގެ މަރުހަލާ މާ ބޮޑަށް ދިގުލައިގެންދާތީ، އޭނާގެ ވޯޓު ދެއްވައިގެން ނައިބަކު ހޮވަން ފުރުސަތު ދެއްވީ ކަމަށެވެ.
އާ ދައުރަކަށް އިންތިޚާބުވި ފަސް މެންބަރުން މިދިޔަ އާދިއްތަ ދުވަހު ހުވާކުރެއްވި ނަމަވެސް، ނައިބަކު ނުހޮވި އޮތުމުގެ ސަބަބުން ކައުންސިލްގެ ރަސްމީ މަސައްކަތްތައް ފެށޭގޮތް ވަނީ ނުވެފައެވެ. ގާނޫނުގައިވާ ގޮތުން ކައުންސިލަރުން ހުވާކުރުމަށްފަހު ބާއްވާ ފުރަތަމަ ޖަލްސާގައި ނައިބު ރައީސަކު އިންތިޚާބުކުރަން ޖެހެއެވެ.

