ދިވެހިރާއްޖެއިން މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަމަށް ފުރުމަށް ހަމަޖެހިފައިވާ ޙައްޖުވެރިންގެ ފަހު ގުރޫޕު މިއަދު ހެނދުނު ރާއްޖެއިން ފުރައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވާގޮތުގައި، ޤައުމީ އެއާލައިން މޯލްޑިވިއަންގެ ބޯޓެއްގައި މިއަދު ހެނދުނު ފުރާފައިވަނީ 253 ޙައްޖުވެރިންނެވެ. މިއަދު ފުރި މި ގުރޫޕާއެކު، މިއަހަރު ދިވެހިރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ފުރުމަށް ހަމަޖެހިފައިވާ އެންމެހާ ޙައްޖުވެރިން މިވަނީ ރާއްޖެއިން ފުރައި ނިމިފައެވެ.
މީގެ ކުރިން ފުރި ތިން ގުރޫޕުގެ ޙައްޖުވެރިން މިހާރު ވަނީ މައްކާއަށް ގޮސް، އެބޭފުޅުންގެ ފުރަތަމަ ޢުމްރާގެ އަޅުކަން ފުރިހަމަކޮށްފައެވެ. ސައުދީ އަރަބިއްޔާގައި މިވަގުތު ތިބި ދިވެހި އެންމެހާ ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅު ކަމަށް ދިވެހި ޙައްޖު މިޝަނުން މަޢުލޫމާތު ދެއްވައެވެ.
މިއަހަރުވެސް ދިވެހި ޙައްޖުވެރިންގެ ދަތުރުތައް އިންތިޒާމުކޮށްފައިވަނީ “މައްކާ ރޫޓު އިނީޝިއޭޓިވް” ގެ ދަށުންނެވެ. މި އިންތިޒާމުގެ ސަބަބުން، ސައުދީ އަރަބިއްޔާގެ އިމިގްރޭޝަންގެ އެންމެހާ ކަންކަން ދިވެހިރާއްޖެއިން ފުރުމުގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ވަނީ ނިންމާލެވިފައެވެ. މީގެ ސަބަބުން ސައުދީއަށް ދިއުމަށްފަހު އެއާޕޯޓުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވެ، ޙައްޖުވެރިންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

