1447 ވަނަ އަހަރުގެ މަތިވެރި ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ސަޢުދީ އަރަބިއްޔާއަށް ފުރި އެންމެހާ ޙައްޖާޖީން ފުރުވާލުމުގެ ކާމިޔާބު މަސައްކަތް ފުރިހަމަކޮށްފައި ވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ބުނެފިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކުރިއަށްދިޔަ މި އޮޕަރޭޝަން މިހާ ފުރިހަމަ ގޮތެއްގައި ކުރިއަށް ގެންދެވުނީ އެމްއޭސީއެލްގެ އިތުރުން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްއާއި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ އިތުރުން ކަމާގުޅުންހުރި އެންމެހާ އިދާރާތައް ގުޅިގެން ކުރެވުނު އިންތިޒާމުތަކުގެ ތެރެއިން ކަމަށް އެމްއޭސީއެލް އިން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
ޙައްޖާޖީން ފުރުމުގެ އިންތިޒާމުތައް އެންމެ ފުރިހަމައަށް ކަށަވަރުކުރުމަށްޓަކައި، އެމްއޭސީއެލްގެ މެނޭޖްމަންޓާއި، ޕެސެންޖަރ ސަރވިސަސް، ޓަރމިނަލް ސަރވިސަސް އަދި އެސްޓޭޓް ސެކިއުރިޓީ ސަރވިސަސްގެ އިތުރުން ކުންފުނީގެ ހީވާގި އެންމެހާ މުވައްޒަފުން ވަނީ ރޭވުންތެރިކަމާއެކު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އެމްއޭސީއެލް ނެރުނު ބަޔާނުގައިވެއެވެ.
އެމްއޭސީއެލް ބަޔާނުގައި މި އަހަރުގެ ޙައްޖުވެރިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެއަރޕޯޓުގައި ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައި ވާކަމަށެވެ. އޭގެ ތެރޭގައި:
- އެއަރޕޯޓުގެ ވޯޓަރ ފްރަންޓު އިމާރާތުގައި ޙައްޖާޖީންނަށް ހުކުރު ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
- ކުރީގެ ޑޮމެސްޓިކް ޓަރމިނަލްގައި ޙައްޖުވެރިންނާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް މަޑުކޮށްގެން ތިބެވޭނެ އިންތިޒާމު ހަމަޖެއްސުން.
- ޙައްޖުވެރިންނަށް ބޭނުންވާނެ ބޯފެން ފޯރުކޮށްދިނުމާއި، ވުޟޫކުރުމަށް ފަސޭހަ އިންތިޒާމުތަކެއް ގާއިމުކުރުން.
މި އަހަރު ރާއްޖެއިން ޙައްޖަށް ދަތުރުކުރި ޙައްޖާޖީންނަށް ފޯރުކޮށްދިން ޚިދުމަތްތައް ކާމިޔާބުކަމާއެކު ނިންމާލެވުމާ ގުޅިގެން، މި މަސައްކަތުގައި އެހީތެރިވެދެއްވި އެންމެހާ މުވައްޒަފުންނަށާއި ކަމާގުޅުންހުރި އިދާރާތަކަށް އެމްއޭސީއެލް އިންވަނީ ޝުކުރު އަދާކޮށްފައެވެ.
މި ސަރުކާރުން ޙައްޖުގެ ކަންކަމަށް ދެއްވާ ހާއްސަ އަހަންމިއްޔަތުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ މަތިން ޙައްޖާޖީންނަށް އެންމެ ފުރިހަމަ ޚިދުމަތް ދިނުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުން ވަނީ ގުޅިގެން މަސައްކަތް ކޮށްފައެވެ.

