އިނގިރޭސި ޕްރިމިއާ ލީގުގައި ވޭތުވެދިޔަ 22 އަހަަރަަށް ވުރެ ގިނަ ދުވަހު އާސެނަލްއިން ކުރަމުން އައި އިންތިޒާރަށް ނިމުމެއް އަތުވެއްޖެއެވެ. 22 އަހަރުގެ މެދުކެނޑުމަކަށްފަހު އާސެނަލްއިން އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ކާމިޔާބުކޮށް، މުޅި ލަންޑަން އުފާވެރިކަމުން ގުގުމާލައިފިއެވެ.
އާސެނަލްއަށް ލީގު ކާމިޔާބުވުން ކަށަވަރުވީ ރޭ ކުޅުނު މެޗުގައި، ތާވަލުގެ ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީއާއި ބޯންމައުތު ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވުމާ ގުޅިގެންނެވެ. މި ނަތީޖާއާއެކު، ސިޓީއަށް ބާކީ އޮތް މެޗުން މޮޅުވި ނަމަވެސް، އެއްވަނައިގައި އޮތް އާސެނަލްއާ އަރާ ހަމަކުރުމުގެ ފުރުސަތު ވަނީ ބަންދުވެފައެވެ.
މިއީ 2003/2004 ވަނަ އަހަރުގެ ސީޒަނުގައި އާސެން ވެންގާގެ އިރުޝާދުގެ ދަށުން، އެއްވެސް މެޗަކުން ބަލިނުވެ “އިންވިންސިބަލްސް” ގެ ގޮތުގައި އާސެނަލްއިން ލީގު ހޯދި ފަހުން މި ޝަރަފުވެރި ތަށި އެ ކްލަބަށް ލިބުނު ފުރަތަމަ ފަހަރެވެ. އާސެނަލްގެ ތާރީޚަށް ބަލާއިރު، އެޓީމުން އެންމެ ފުރަތަމަ ޕްރިމިއާ ލީގު ކާމިޔާބުކުރީ 1998 ވަނަ އަހަރުއެވެ. އޭގެ ފަހުން 2002 ވަނަ އަހަރުވެސް އެޓީމުން ތަށި އުފުލާލިއެވެ. މީގެ އިތުރުން، ޕްރިމިއާ ލީގު އިފްތިތާޙު ކުރުމުގެ ކުރިން އާސެނަލްއިން ވަނީ އިނގިރޭސިވިލާތުގެ އެއްވަނަ ޑިވިޝަންގެ ލީގު 10 ފަހަރު ކާމިޔާބުކޮށްފައެވެ.
މި ސީޒަނުގައި ކޯޗު މިކޭލް އާޓެޓާގެ އިރުޝާދުގެ ދަށުން އާސެނަލްއިން ވަނީ ހައިރާންކުރުވަނިވި މޮޅު ކުޅުމެއް ދައްކާފައެވެ. ޚާއްޞަކޮށް ލީގުގެ ފަހު މެޗުތަކުގައި އެޓީމުން ދެއްކި ސާބިތުކަމާއެކު، ވޭތުވެދިޔަ ސީޒަންތަކުގައި މެންޗެސްޓަރ ސިޓީ އަތުން ލީގު ގެއްލުމުގެ ސަބަބުން ލިބުނު ހިތްދަތި ހަނދާންތައް މިވަނީ ފޮހެލާފައެވެ.
ސިޓީއާއި ބޯންމައުތު ބައްދަލުކުރި ރޭގެ މެޗުގައި ބޯންމައުތުން ލީޑު ނަގާފައިވަނިކޮށް، ފަހު ވަގުތު އާލިންގ ހާލަންޑް ސިޓީއަށް ލަނޑެއް ޖަހައިދީ މެޗު އެއްވަރުކޮށްދިނެވެ. ނަމަވެސް، ޕެޕް ގާޑިއޯލާގެ ޓީމަށް އެންމެ ޕޮއިންޓަކުން ފުދޭގޮތެއް ނުވިއެވެ.
އާސެނަލްގެ ކާމިޔާބީ މިވަރުން ނިމުނީކީއެއް ނޫނެވެ. އިނގިރޭސި ލީގުގެ އިތުރުން، އެޓީމަށް ވަނީ ތާރީޚުގައި ފުރަތަމަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ ރަން ފުރުސަތެއްވެސް ލިބިފައެވެ. މި މުބާރާތުގެ ފައިނަލްގައި މި މަހުގެ 30 ވަނަ ދުވަހުގެ ރޭ އާސެނަލް ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށެވެ.
ލީގު ކާމިޔާބުވުމާ އެކު އާސެނަލްގެ ސަޕޯޓަރުން ދަނީ މަގުތަކަށް ނުކުމެ ބޮޑު ކާމިޔާބީ ފާހަގަކުރަމުންނެވެ. އާސެނަލްގެ އުންމީދަކީ މި މަހުގެ 30 ގައި ކުޅޭ ޗެމްޕިއަންސް ލީގު ފައިނަލުން މޮޅުވެ، މި ސީޒަނުގައި އިތުރު ތައްޓެއް ކްލަބުގެ މިއުޒިއަމަށް އިތުރުކުރުމެވެ.

