ބައިނަލްއަގުވާމީ އާންމު ސިއްހަތުގެ ދާއިރާއިން ރާއްޖެއިން ތާރީޚީ ބޮޑު ކާމިޔާބީއެއް ހާސިލްކޮށްފިއެވެ. ތިން ބައްޔެއް ފެތުރުން އެކުގައި ހުއްޓުވައި، އެކަން ދަމަހައްޓާފައިވާ ދުނިޔޭގެ އެންމެ ފުރަތަމަ ގައުމުގެ ޝަރަފު ރާއްޖެއަށް މިވަނީ ލިބިފައެވެ. މިކަމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން އެކަން ފާހަގަކޮށް ރާއްޖެއަށް ހަނދާނީ ފިލައެއް އަރުވައިފިއެވެ.
މި ބޮޑު ކާމިޔާބީ ފާހަގަކޮށް، ރާއްޖެއަށް އެކަމުގެ ހަނދާނީ ފިލާ އަރުވާފައި ވަނީ މިހާރު ސްވިޒަލޭންޑުގެ ޖެނިވާގައި ކުރިއަށްދާ 79 ވަނަ ވޯލްޑް ހެލްތު އެސެންބްލީގައެވެ. ރާއްޖޭގެ ފަރާތުން މި ފިލައާ ހަވާލުވެލައްވާފައި ވަނީ ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީއެވެ.
ސިއްހީ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މިއީ މައިންނާއި ކުޑަކުދިންގެ ސިއްހަތު ރައްކާތެރިކުރުމަށްޓަކައި ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރަށް ވުރެ ގިނަ ދުވަހު މެދުކެނޑުމެއްނެތް ކުރެވުނު އިންވެސްޓްމަންޓްތަކުގެ ނަތީޖާއެވެ. މިގޮތުން މާބަނޑު ދުވަސްވަރު އެންމެން ބައްޔަށް ސްކްރީން ކުރުމާއި، ރާއްޖޭގެ ބެހިފައިވާ ރަށްތަކުގެ ސިއްހީ ނިޒާމުގެ ތެރެއިން ވެކްސިން ދިނުމުގެ ވަރުގަދަ ނިޒާމެއް ގާއިމުކުރުން ހިމެނެއެވެ.
މި ކާމިޔާބީ ހާސިލްކުރުމުގައި ގައުމީ ސިއްހީ އިދާރާތަކާއި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އާއި ޔުނިސެފްގެ އިތުރުން ރަށްރަށުގައި މަސައްކަތްކުރާ ސިއްހީ އެހީތެރިން ގުޅިގެން ވަނީ ނުހަނު ބޮޑު މަސައްކަތްތަކެއް ކޮށްފައެވެ. ސިއްހީ ވުޒާރާއިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބަލިތައް މޮނިޓާކުރާ ނިޒާމުތައް ވަރުގަދަކުރުމާއި ޑިޖިޓަލް ހެލްތު ޕްލެޓްފޯމްތަކުގެ އެހީތެރިކަން ހޯދުމަކީ ވެސް މި ލަނޑުދަނޑި ހާސިލްކުރުމަށް މަގުފަހިވި މުހިންމު ކަންކަމެވެ.
ރާއްޖެއިން ހޯދި މި ކާމިޔާބީއަކީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ސިއްހީ ނިޒާމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސިއްހީ ދާއިރާގެ މާހިރުން ސިފަކުރައްވައެވެ.

