ރ. މާކުރަތު ބަނދަރު އަޕްގްރޭޑް ކުރުމުގެ ބޮޑު މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބާރުމިނުގައި ކުރިއަށް އެބަގެންދެއެވެ.
މާކުރަތު ރައްޔިތުންނަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަން ހައްލުކުރުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ތަފާތު ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި:
- ބަނދަރު ފުންކުރުމާއި ނެރު ފުންކުރުން: 39,658.55 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ކޮނުން.
- އެއްގަމު ތޮށިލުން: 150 މީޓަރުގެ ސަރަޙައްދެއްގައި ޕްރީކާސްޓް އެލް ބްލޮކް ބޭނުންކޮށްގެން އެއްގަމު ތޮށިލުން.
- ގޮނޑުދޮށް ހިމާޔަތްކުރުން: 451 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލަ ބޭނުންކޮށްގެން ރިވެޓްމަންޓް ޖެހުން.
- ޖެޓީ ހެދުން: 125 މީޓަރުގެ ޖެޓީއެއް ގާއިމުކުރުން.
- ބަނދަރުގައި ޕޭވްމަންޓް ހެދުން: 1,962.18 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް އެޅުން.
މީގެ އިތުރުން މި މަޝްރޫޢުގެ ތެރޭގައި ބޭރު ތޮށިލުމާއި، ގްރޮއިން ޖެހުމާއި އަދި ބަނދަރު ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތަށްޓަކައި ނެވިގޭޝަން ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.
މި މަޝްރޫޢު ނިމުމުން މާކުރަތު ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބި، ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އެމްޓީސީސީން އަމާޒު ހިފާފައިވަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މި މަޝްރޫޢުގެ މަސައްކަތްތައް ނިންމާލުމަށެވެ.
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ފަރާތުން މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 13 ޖެނުއަރީ 2022 ގައެވެ. ޖުމްލަ 26.67 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ސައިޓް މޮބިލައިޒްކޮށްފައިވަނީ 20 މޭ 2022 ގައެވެ.

