ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކުން ނަގަމުން އައި ޓެރިފް އިނގިރޭސި ސަރުކާރުން މިއަދު ކަނޑާލައިފިއެވެ.
އެކަން ހާމަކޮށްފައިވަނީ، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ނިކް ލޯ އެވެ. އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ނިންމުމަކީ ރާއްޖޭގެ ދެމެހެއްޓެނިވި މަސްވެރިކަމަށް އިނގިރޭސިވިލާތުން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އަދި މިއީ ޔޫކޭގެ ބަޔަރުންނަށާ ރާއްޖޭގެ މަސްވެރިންނަށް ވަރަށް އުފާވެރި ކަބަރަކަށް ވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
އިނގިރޭސިވިލާތުގެ މި ނިންމުމާ އެކު، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއިން އެ ގައުމަށް އެކްސްޕޯޓުކުރާ މަހުން އެއްވެސް ޓެރިފެއް ދައްކާކަށް ނުޖެހޭނެއެވެ.
މިއީ ދިވެހި މަސްވެރިކަމުގެ ސިނާއަތަށާއި ރާއްޖޭގެ އިގުތިސާދަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ ޔުކޭ ސަރުކާރަށް ވަރަށް އިޚުލާސްތެރިކަމާ އެކު ޝުކުރު އަދާކުރައްވާފައެވެ.
އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވަނީ، މިއީ ރާއްޖޭގެ އިގުތިސާދަށާއި މަސްވެރިންނަށް ލިބުނު ވަރަށް ބޮޑު އުފާވެރިކަމެއް ކަމަށެވެ. އަދި މި ނިންމުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައިވާ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވާނެކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓުކުރާ މަހުގެ ޓެރިފް ކަނޑާލުމަކީ ރައީސް މުޢިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގެ ރަސްގެފާނު ޗާލްސް އާއި ސަރުކާރުގެ އިސް ބޭފުޅުންގެ އަރިހުން އެދިލެއްވި އެންމެ މުހިންމު އެއް ކަންތަކެވެ.
ރާއްޖެއިން ޔޫކޭއަށް އެކްސްޕޯޓުކުރާ ކަނޑުމަހުގެ ޓެރިފް ކަނޑާލައިފި، ރައީސްގެ މަސައްކަތްޕުޅު ވަރަށް ކާމިޔާބު!

