މިއަހަރުގެ އަޟްޙާ ޢީދު ނަމާދު މާލޭގެ ހަތަރު ސަރަޙައްދެއްގައި ބޮޑު ޖަމާޢަތުގައި ކުރާ ގޮތަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހަމަޖައްސަވައިފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ބޮޑު ޖަމާޢަތުގެ އިތުރުން މާލެ ސަރަޙައްދުގެ 25 މިސްކިތެއްގައިވެސް ޢީދު ނަމާދު ކުރާ ގޮތަށް މިހާރު ވަނީ ހަމަޖެހިފައިވާ ކަމަށެވެ.
މާލެ ސަރަޙައްދުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ހަތަރު ސަރަޙައްދަކީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލެ ފުޓުބޯޅަ ދަނޑާއި، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކްގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކުޅިވަރު އެކުވެނި ސަރަޙައްދެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، ބޮޑު ޖަމާޢަތުގެ އިތުރުން މާލޭގެ 17 މިސްކިތެއްގައި ޢީދު ނަމާދު ކުރާނެއެވެ. އޭގެ ތެރޭގައި:
- މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު)
- މަސްޖިދު މަލިކި ސަލްމާން
- މަސްޖިދުލް ފުރްޤާން
- މަސްޖިދު ޔޫސުފުލް ބަރުބަރީ
- މަސްޖިދު ޞަލާޙުއްދީން
- މަސްޖިދުއް ޝައިޚް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް)
- މަސްޖިދުއް ޝަހީދު ޢަލީ
- މަސްޖިދުއް ސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް (ދުބުރި މިސްކިތް)
- މަސްޖިދުއް ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
- މަސްޖިދުއް ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)
- މަސްޖިދު ޖަލާލުއްދީން
- މަސްޖިދު އިބްރާހީމް
- މަސްޖިދު އިސްކަންދަރު
- މަސްޖިދުއް ސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް)
- މަސްޖިދުއް ނޫރު
- މަސްޖިދުއް ސުލްޠާން މުޙައްމަދު ޢިމާދުއްދީން (ރަން މިސްކިތް)
- މާފަންނު އާ މިސްކިތް
ހުޅުމާލޭގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ 7 މިސްކިތަކީ މަސްޖިދުއް ޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ، މަސްޖިދު ރަޝީދު، މަސްޖިދު ޢަޒީޒާ މޫސާ، މަސްޖިދު އަޞްދީޤާ، މަސްޖިދުލްވާލިދައިނި، މަސްޖިދުލް ޙަސަން އާދަމް އަދި މަސްޖިދު އުޘްމާން ބިން ޢައްފާން އެވެ. ވިލިމާލޭގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މަސްޖިދުއް ސަލާމުގައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމުން، ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ނުކުރެވޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތްތަކެއްގައިވެސް ޢީދު ނަމާދު ކުރާނެ ކަމަށެވެ.
މިއަހަރުގެ އަޟްޙާ ޢީދު ނަމާދު ކުރަން ފަށާނީ ހެނދުނު 7:00 ގައެވެ. ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ އަޟްޙާ ޢީދު ދުވަހަކީ މިމަހުގެ 27 ވާ ބުދަ ދުވަހެވެ.

