އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ބ. ދަރަވަންދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ އިއްޔެ ނައްތާލައިފިއެވެ.
ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ދަރަވަންދޫގައި ނައްތާލާފައިވަނީ ޖުމްލަ 400 އަށްވުރެ ގިނަ ބަނގުރާގެ ބާވަތްތަކެވެ. އޭގެ ތެރޭގައި ހިމެނެނީ 274 ފުޅި ބަނގުރަލާއި 198 ބަނގުރާ ދަޅެވެ.
މި ތަކެއްޗަކީ 2024 ނޮވެމްބަރު 6 ވަނަ ދުވަހުން ފެށިގެން 2026 އެޕްރީލް 30 ވަނަ ދުވަހާ ހަމައަށް ދަރަވަންދޫ އެއާޕޯޓުން ފުރަންދިޔަ ފަތުރުވެރިންގެ އަތުން ހިފަހައްޓައި، ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ބަނގުރާތައް ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ “ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު” ގެ ދަށުންނެވެ. މި މަސައްކަތް ކުރިއަށް ދިޔައީ އެކަމަށްޓަކައި ހާއްސަކޮށް އެކުލަވައިލި ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ.
މަސްތުވާތަކެތި ނައްތާލުމުގައި ގެންގުޅޭ އުސޫލުތަކަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލުތަކާއެކު، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތީގެ ތެރެއިން، ތަހުގީގަށް ބޭނުންވާ މިންވަރަށް ބެހެއްޓުމަށްފަހު ބާކީ ހުންނަ ތަކެތި ވީ އެންމެ އަވަހަކަށް ނައްތާލުމަށް މިހާރު އޮންނަނީ ލާޒިމުކޮށްފައެވެ.

