ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދި ފޯމު ހުށަހެޅުމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލާފައިވާ ފުރުސަތުގެ މުއްދަތު އިތުރުކޮށްފިއެވެ.
މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައިވާ ގޮތުން، މި މުއްދަތު އިތުރުކުރަން ނިންމީ ގިނަ އަދަދެއްގެ ރައްޔިތުންނަށް އެޕްލިކޭޝަން ހުށަހެޅުމުގައި ބޭނުންވާ ލިޔެކިޔުންތައް ހަމަކުރުމަށް އިތުރު ވަގުތު ބޭނުންވާތީއާއި، ވީހާވެސް ގިނަ ރައްޔިތުންނަށް މި ފުރުސަތުގެ ބޭނުން ހިފުމަށް މަގުފަހިކޮށްދިނުމުގެ މަގުސަދުގައެވެ.
މީގެ ކުރިން ވެސް ތަފާތު ސަބަބުތަކާ ހެދި އެ މުއްދަތުތައް އިތުރުކުރަމުން އައިސް ޖޫން މަހުގެ 15 ވަނަ ދުވަހުގެ ރޭ 11:59 އާ ހަމަށް ފުރުސަތު ދިނީ ހައުސިން މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން ކުރިއަށް އޮތް އަޟްހާ އީދުގެ ބޮޑު ބަންދާ ގުޅިގެންނެވެ.
“ވީމާ، މާލެ ސަރަހައްދުން ފުލެޓާއި ގޯއްޗަށް އެދި މިނިސްޓްރީން ހުޅުވާލާފައިވާ ހުރިހާ ސްކީމުތަކަށް އެދި ހުށަހެޅުމުގެ މުއްދަތު 15 ޖޫން 2026 ވާ ހޯމަ ދުވަހުގެ 23:59 ގެ ނިޔަލަށް އިތުރުކޮށްފައިވާކަން އާންމުކޮށް އަންގައި އިއުލާނުކުރަމެވެ،” ހައުސިން މިނިސްޓްރީގެ އިއުލާނުގައި ވެ އެވެ.
މުއްދަތު އިތުރުކުރި ކެޓަގަރީތައް
- ވެށިފަހި މާލެ ނުވަތަ ހިޔާ މަޝްރޫން ފުލެޓު ލިބޭނެ ކަމުގެ ލިޔުން ލިބި، ފުލެޓު ހާވާލުކޮށްފައި ނުވާ ފަރާތްތަކުން ފުލެޓަށް އެދި ހުށަހަޅާ ހާއްސަ ކެޓަގަރީ.
- “ގޯތިގެދޮރު” ޕްރޮގުރާމުގެ ދަށުން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި.
- “ބިންވެރިޔާ” ހާއްސަ ސްކީމް ކެޓަގަރީ 1 ގެ ދަށުން ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ ފަރާތްތަކަށް ވަކިން ގޯއްޗަށް އެދި ހުށަހެޅުމުގެ ކެޓަގަރީ.
- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފުލެޓަށް އެދި ހުށަހަޅާ ހާއްސަ ކެޓަގަރީ.
- މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ދޫކުރާ ބިން.
- “ބިންވެރިޔާ” ހާއްސަ ސްކީމް ކެޓަގަރީ 2 ގެ ދަށުން، ބިންވެރިޔާ ސްކީމަށް ފުލެޓެއް އޮތުމުގެ ސަބަބުން ޝަރުތު ހަމަނުވި ފަރާތްތަކުން ފުލެޓް ދޫކޮށް ގޯއްޗަށް އެދި ހުށަހެޅުމުގެ ކެޓަގަރީ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ފެއްޓެވި މުހިންމު މަސައްކަތެކެވެ. މި ސްކީމުގެ ދަށުން ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ “ހިޔާވެހި” ޕޯޓަލް މެދުވެރިކޮށެވެ.
އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން ޕޯޓަލް މެދުވެރިކޮށް ހުރިހާ ލިޔެކިޔުންތަކެއް ފުރިހަމައަށް ހުށަހެޅުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު މިނިސްޓްރީގެ ހޮޓްލައިން މެދުވެރިކޮށް ލިބޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

