މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީ ގެ ހަތް ކޭސް ފެނިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މި އަހަރު ފެނުނު ހަތް ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގް ހެދުމުގެ ތެރެއިން 74 އަށްވުރެ ގިނަ ކޮންޓެކްޓުން ވަނީ ފާހަގަކުރެވިފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައާއި، ވަކިން ހާއްސަކޮށް ރާއްޖޭގެ އަވަށްޓެރި ގައުމުތަކުގައިވެސް މި ދުވަސްވަރު ހިމަބިހި ފެތުރޭ މިންވަރު އިތުރުވަމުންދާކަން އެޗްޕީއޭއިން ފާހަގަކުރެއެވެ. އެހެންކަމުން، ހުން އައުމާއެކު ހަށިގަނޑުން ރަތް ތިކިތަކެއް ފެންނަން ފަށައިފިނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އެ އެޖެންސީން އިލްތިމާސްކުރެއެވެ.
ހިމަބިހީގެ އަލާމާތްތަކަށް ބަލާއިރު، ބަލި ޖެހުމުން ފުރަތަމަ ބިހިތައް ނަގާނީ މޫނާއި ކަރުގައެވެ. އެއަށްފަހު މޭމަތި، ބުރަކަށި، އަތް އަދި ފައިގައި ބިހިތައް ނަގަން ފަށާނެއެވެ. މިއީ ވަރަށް ފަސޭހައިން ވައިގެ ތެރެއިން ފެތުރޭ ބައްޔެކެވެ. ބަލި ޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އެޅުމުން ވައިގެ ތެރެއަށް ވައިރަސް ފެތުރިގެންދާއިރު، ބަންދު ތަނެއްގައި ނަމަ ދެ ގަޑިއެއްހާއިރު ވަންދެން ވައިރަސް ވައިގެ ތެރޭގައި ހުރެއެވެ. އަދި ވައިރަސްގެ އަސަރު ހުރި ތަނެއްގައި އަތްލުމަށްފަހު ލޮލާއި، ނޭފަތް ނުވަތަ އަނގައިގައި އަތްލުމަކީ ބަލި ޖެހުމަށް މަގުފަހިވާ ކަމެކެވެ.
އެޗްޕީއޭއިން ބުނިގޮތުގައި ބައްޔާ ދެކޮޅަށް ދިފާއީ ބާރު ނެތް މީހުންނާއި، ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކަށް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. ބަލި ޖެހިފައިވާ މީހެއްގެ ފަރާތުން އެހެން މީހަކަށް ބަލި ފެތުރެނީ، ހަށިގަނޑުން ބިހި ނެގުމުގެ ހަތަރު ދުވަސް ކުރިން ފެށިގެން، ބިހި ނެގުމަށްފަހު ހަތަރު ދުވަސް ހަމަވަންދެނެވެ.
ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ގައުމަކަށް ވީނަމަވެސް، ދޭތެރެއަކުން ބަލީގެ ކޭސްތައް ފެންނަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް ނަސޭހަތްތެރިވެއެވެ.

