ވ. އަލިމަތާ ކައިރީގައި އޮތް ފުން ހޮހަޅައަކަށް ޑައިވްކުރި އިޓަލީގެ ފަސް ފަތުރުވެރިން މަރުވީ، ހޮހަޅައިން ބޭރަށް ނުކުމެވޭނެ މަގު އޮޅި ހަނި ގޯޅިއެއްގެ ތެރޭގައި ތާށިވުމުގެ ސަބަބުން ކަމަށް ތަހުގީގުތަކުން ބެލެވެން ފަށައިފިއެވެ.
ސައިންޓިފިކް ދިރާސާއަކަށް ރާއްޖެ އައި މި ޓީމު 60 މީޓަރު އަޑިއަށް ފޭބީ ރާއްޖޭގައި ކަނޑައެޅިފައިވާ މިންގަނޑަށްވުރެ މާ ފުންކޮށް ކަމަށްވާތީ، އެކަން ހިނގި ގޮތް ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ބަލަމުންނެވެ. މި ހިތާމަވެރި ހާދިސާގައި މި މީހުން ހޯދުމަށް މަސައްކަތް ކުރި ދިވެހި ސިފައިންގެ ޑައިވަރަކު ވެސް ވަނީ ނިޔާވެފައެވެ.
އިޓަލީގެ "ލާ ރިޕަބްލިކާ" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، "ޑޭން ޔޫރަޕް" އަށް މަސައްކަތްކުރާ ފިންލޭންޑްގެ ޑައިވަރުންނަށް މި ފަސް މީހުންގެ ހަށިތައް ފެނިފައިވަނީ ކަނޑުގެ 165 ފޫޓު އަޑީގައި އޮތް ހޮހަޅައެއްގެ ތެރޭގައި، ބޭރަށް ނުކުމެވޭނެ މަގެއް ނެތް ހަނި ގޯޅިއެއްގެ ތެރެއިންނެވެ.

އިޓަލީގެ ފަސް ފަތުރުވެރިން މަރުވި ހޮހޮޮޅައިގެ އެތެރެއަށް ފީނަނީ – ފޮޓޯ: ޑޭން ޔޫރަޕް
އެ ކުންފުނީގެ ސީއީއޯ ލައުރާ މަރޯނީއާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ، ޑައިވަރުންގެ ހަށިތައް ފެނުނު ތަނުން ބޭރަށް ނުކުމެވޭނެ އެއްވެސް މަގެއް ނެތް ކަމަށެވެ. މެރޯނީ ވިދާޅުވި ގޮތުގައި، އަލިމަތާ ކައިރިން ފެނުނު މި ހޮހަޅަ ފެށެނީ ވެލިގަނޑެއް އޮތް، ވަރަށް ބޮޑު އަދި އަލިގަދަ ބައެއްގެ ގޮތުގައެވެ. އެ ބައި ނިމޭ ހިސާބުން އަލި މަޑު ގޯޅިއެއް އޮންނަ އިރު، އަތްމަތީ ބައްތި ބޭނުންކުރުމުން އެތަން ވަރަށް ސާފުކޮށް ފެނެއެވެ.
ގާތްގަނޑަކަށް 30 މީޓަރުގެ ދިގުމިން އަދި 3 މީޓަރުގެ ފުޅާމިން ހުންނަ މި ގޯޅި ގޮސް ގުޅެނީ ހޮހަޅައިގެ ދެވަނަ ބަޔާއެވެ. އެއީ ގުދުރަތީ އަލި އެއްވެސް ވަރަކަށް ނުލިބޭ ބޮޑު ބައެކެވެ. އެ ގޯޅިއާއި ދެވަނަ ބަޔާ ދެމެދު ވެލިގަނޑެއް އޮންނަ އިރު، ބޭރުން އެތެރެއަށް ވަނުމަކީ ފަސޭހަ ކަމެކެވެ. ނަމަވެސް، އެނބުރި ނުކުންނަން އުޅޭއިރު އެ ވެލިގަނޑު ފެންނަނީ ފާރެއްގެ ގޮތުގައެވެ. އެހެންކަމުން، ބޭރަށް ނުކުމެވޭ ގޯޅި އެ ވެލިގަނޑުގެ ފަހަތުގައި ފޮރުވިފައި އޮންނަ ކަމަށް ބެލެވެއެވެ.

އިޓަލީގެ ފަސް ފަތުރުވެރިން މަރުވި ހޮހޮޮޅައިގެ އެތެރެއަށް ފީނަނީ – ފޮޓޯ: ޑޭން ޔޫރަޕް
"ޑައިވަރުންގެ ހަށިތައް ފެނިފައިވަނީ އެ ވެލިގަނޑުގެ ވާތްފަރާތުގައި އޮތް ކުޑަ ގޯޅިއެއްގެ ތެރެއިން. ބެލެވޭ ގޮތުގައި އެ މީހުންނަށް އެއީ ބޭރަށް ނުކުމެވޭ މަގު ކަމަށް ހީކޮށް ވަދެވުނީ،" ނޫހުގައި ބުނެފައިވެއެވެ.
ލައުރާ މެރޯނީ އިތުރަށް ވިދާޅުވީ، މި ޑައިވަރުން ބޭނުންކުރީ އާދައިގެ ވައިގެ ސިލިންޑަރުތައް ކަމަށްވާތީ، އެހާ ފުން ސަރަހައްދެއްގައި އެ މީހުންނަށް ހޭދަކުރެވޭނީ ގާތްގަނޑަކަށް 10 މިނެޓު ނުވަތަ އެއަށްވުރެ ވެސް ކުޑަ ވަގުތުކޮޅެއް ކަމަށެވެ. އަދި މަގު އޮޅި، ވައި މަދުވުމުން ކުރިމަތިވާ ބިރުވެރިކަމުގެ ސަބަބުން ނޭވާލާ މިންވަރު އަވަސްވެ، ސިލިންޑަރުގައި ހުރި ވައި މާ އަވަހަށް ހުސްވީ ކަމަށް ބެލެވޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިޓަލީގެ ފަސް ފަތުރުވެރިން މަރުވި ހޮހޮޮޅައިގެ އެތެރެއަށް ފީނަނީ – ފޮޓޯ: ޑޭން ޔޫރަޕް
ވ އަތޮޅު އަލިމަތާ ކައިރިން ޑައިވިނަށް ގޮސް އުޅެނިކޮށް ކަނޑުއަޑީގެ ހޮހޮޅައެއްގައި ތާށިވެގެން އިޓަލީގެ ފަސް ޑައިވަރުން މަރުވި ހިތާމަވެރި ހާދިސާ ހިނގި ސަރަހައްދުގެ ފޮޓޯތަކެއް ޑޭން ޔޫރަޕް ރެސްކިއު ޓީމުން ފުރަތަމަ ފަހަރަށް އާންމުކޮށްފިއެވެ.އެ ފޮޓޯތަކުން ހޮހޮޅައިގެ އަނދިރި، އަދި ޖާގަ ކުޑަ މާހައުލު ފެނެއެވެ. އަދި ހޮހޮޅައިގެ ދޮރާއި، ހޮހޮޅައިގެ އެތެރޭގެ ބައެއް ބައިތަށް ވެސް ފެނެއެވެ. އޭގެ ތެރެެއިން އެއް ފޮޓޯއިން ހޮހޮޅައިގެ އެތެރެ ވަރަށް ބޮޑަށް ކިލަނބުވެފައިވާތަން ވެސް ފެނެއެވެ.
މީގެ އިތުރުން ހާދިސާގެ ތަހުގީގަށް ބޭނުންވާނެ މުހިންމު ހެކިތަކާއި ބައެއް ތަކެތި ހޮހޮޅައިގެ ތެރެއިން ނަގައި، ދިވެހި ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާކަމަށް ވެސް ބަޔާނުގައިވެއެވެ.
މި ހާދިސާގައި މަރުވެފައިވަނީ ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން (51އ) އާއި، އޭނާގެ އަންހެން ދަރިފުޅު ޖޯޖިއާ ސޮމާކަލް (20އ) ގެ އިތުރުން އެ ޔުނިވަސިޓީގެ ދިރާސާވެރިން ކަމަށްވާ މިއުރިއަލް އޮޑެނީނޯ (31އ) އަދި ފެޑެރިކޯ ގުއަލްޓިއޭރީ (31އ) އެވެ. އަދި އެމީހުންނާއެކު ދިޔަ ޑައިވިން އިންސްޓްރަކްޓަރު ގިއަންލޫކާ ބެނެޑެޓީ (41އ) ވެސް ވަނީ މަރުވެފައެވެ.
ރާއްޖޭގެ ގަވާއިދުތައް ބުނާގޮތުން ފަތުރުވެރިންނަށް ޑައިވް ކުރެވޭނެ އެންމެ ފުން މިނަކީ 30 މީޓަރެވެ. ނަމަވެސް، މި ޓީމުން 60 މީޓަރު އަޑިއަށް ފޭބުމަށް ހުއްދަ ދެވުނު ގޮތާއި، އެކަމުގައި އިހުމާލެއް އޮތްތޯ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

